2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި މާލެ، ސިނަމާލެ ބްރިޖް، އަދި ހައިވޭގައި 1،355 އެކްސިޑެންޓް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ.
މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7.49 އެކްސިޑެންޓެވެ.
ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި މުއްދަތުގެ ތެރޭގައި ރެކޯޑުކުރެވިފައިވާ އެކްސިޑެންޓްތަކުގެ ބޮޑު އިންސައްތައެއް ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން ކޮންމެ ފަސް އެކްސިޑެންޓަކުން ހަތަރަކަށްވުރެ ގިނަ އެކްސިޑެންޓް މާލޭގައި ހިނގާފައިވާއިރު، ޖުމްލަ އެކްސިޑެންޓްތަކުގެ ގާތްގަނޑަކަށް ތިންބައިކުޅަ ދެބައި ހާދިސާ ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ.
ފުލުހުންގެ ހިސާބުތަކުން އެނގޭ ގޮތުގައި، މި މުއްދަތުގައި ކޮންމެ މަހެއްގެ މައްޗަށް އެވްރެޖްކޮށް 225.8 އެކްސިޑެންޓް ރެކޯޑުކުރެވިފައިވެއެވެ. ދުވާލެއްގެ މައްޗަށް ބަލާނަމަ އެވްރެޖްކޮށް ހަތް އެކްސިޑެންޓަށްވުރެ ގިނައިން ހިނގާފައިވާއިރު، މިއީ މާލެ ސަރަހައްދުގެ މަގުތަކުގެ ބާރުބޮޑުވެ، ނުރައްކާ އޮތް މިންވަރު ދައްކުވައިދޭ ކަމެކެވެ.
ފުލުހުންގެ ރެކޯޑުތަކަށް ބަލާއިރު، މި މުއްދަތުގައި އެންމެ ގިނައިން އެކްސިޑެންޓް ހިނގާފައިވަނީ ޖަނަވަރީ މަހުއެވެ. އެ މަހު 253 އެކްސިޑެންޓް ރެކޯޑުކުރެވުނުއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ ފެބްރުއަރީ މަހުއެވެ.
މަހުން މަހަށް އެކްސިޑެންޓްތަކުގެ ތަފްސީލު:
- ޖަނަވަރީ: 253 އެކްސިޑެންޓް (އެންމެ ގިނަ)
- ފެބްރުއަރީ: 191 އެކްސިޑެންޓް (އެންމެ މަދު – ޖަނަވަރީއާ 62 އެކްސިޑެންޓްގެ ތަފާތެއް
- މާރިޗު: 236 އެކްސިޑެންޓް (ފެބްރުއަރީއާ އަޅާބަލާއިރު 23.56% އިތުރުވުމެއް
- އޭޕްރީލް: 232 އެކްސިޑެންޓް
- މެއި: 238 އެކްސިޑެންޓް (އޭޕްރީލް މަހާ ދާދި އެއްވަރެއްގައި)
- ޖޫން: 205 އެކްސިޑެންޓް
މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރޭގައި އެންމެ ގިނައިން އެކްސިޑެންޓް ރެކޯޑުކުރެވުނު ޖަނަވަރީ މަހާ އަޅާބަލާއިރު، ޖޫން މަހުގެ އަދަދުތަކުން 18.97 އިންސައްތައިގެ ދަށްވުމެއް ވަނީ ރެކޯޑުކުރެވިފައެވެ. އެކްސިޑެންޓްތަކުގެ 83.25 އިންސައްތަ (1،128 އެކްސިޑެންޓް) މާލޭގައި ހިނގާފައިވާއިރު، 16.75 އިންސައްތަ (227 އެކްސިޑެންޓް) ބްރިޖާއި ހައިވޭ ސަރަޙައްދުގައި ހިނގާފައިވެއެވެ.
މި މުއްދަތުގައި ހިނގި އެކްސިޑެންޓްތަކުގެ ތެރެއިން 1,322 މައްސަލައެއްގައި ކުދި އަނިޔާ ލިބިފައިވާއިރު، 31 މައްސަލައެއްގައި ސީރިއަސް އަނިޔާތަކެއް ވެފައިވެއެވެ. އަދި މި ހަ މަސްދުވަހުގެ ތެރޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓްތަކުގައި 2 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.
ހަމަމިއާއެކު، އުޅަނދުތަކަށް ލިބުނު ގެއްލުމާ ގުޅިގެން އިންޝުއަރެންސްގެ ތެރެއިން ބަދަލުގެ ގޮތުގައި ނަގައިދެވިފައިވާ ފައިސާގެ ޖުމްލައަކީ 3،284،622 ދިވެހި ރުފިޔާ އެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.