ދިވެހިރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ، ވައިބާރުވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ކޯސްޓްގާޑުން މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.
އެމްއެންޑީއެފް އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ދަތުރަށް ފުރުމުގެ ކުރިން ހުރިހާ އުޅަނދަކުންވެސް ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރަން ޖެހޭ ކަމަށެވެ.
އެމްއެންޑީއެފް އިން ބުނި ގޮތުގައި، ދަތުރަށް ފުރުމުގެ ކުރިން އަންގަންޖެހޭ ފަރާތްތަކަށް އެ މައުލޫމާތު ދިނުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
އަދި އުޅަނދުގައި ހުންނަންޖެހޭ ލައިފްޖެކެޓާއި، މުވާސަލާތީ ވަސީލަތްތަކުގެ އިތުރުން ދިޔަހިއްކާ ޕަންޕު ފަދަ ސަލާމަތީ ނިޒާމުތައް ހުރީ އެންމެ ރަނގަޅު ހާލަތުގައިތޯ ދަތުރުގެ ކުރިން ޗެކްކުރުމަށް ކޯސްޓްގާޑުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ކަނޑައެޅިފައިވާ މިންވަރަށްވުރެ އިތުރަށް ބަރުނުކުރުމަށާއި، އުޅަނދުގައި ހުންނަ މުދާތައް ރަނގަޅަށް ބަނދެ ރައްކާތެރިކޮށްފައި ބެހެއްޓުމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
ހަމަމިއާއެކު،ޑައިވިންގ އަދި ވޯޓަރ ސްޕޯޓްސް އިންތިޒާމުކުރައްވާ ފަރާތްތަކުން ވެސް މޫސުމަށް ޚާއްޞަ ސަމާލުކަމެއްދެއްވުމަށާއި، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރު ނުކުރެއްވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓް ނެރެފައިވާއިރު، ކުރިއަށް އޮތް ވަގުތުތަކުގައި ވެސް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1