ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރި “ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް”އަށް މިއަދުއިން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ،ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރި ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓްއަށް ރަސްމީކޮށް އަމަލުކުރަން ފެށި ތާރީޚީ ދުވަހެއް ކަމަށެވެ. އަދި މިއީ ދެ ގައުމުގެ އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުމުގައި ލިބުނު ބޮޑު ކުރިއެރުމެއް ކަމަށް ވެސް ވިދާޅުވިއެވެ.
- ލީޑަރުންގެ ތަޞައްވުރު: މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ގެންގުޅުއްވާ ގުޅިފައިވާ ތަޞައްވުރުގެ މައްޗަށް ބިނާވެގެން އައި ކަމެއް
- 75 ޓެރިފް ލައިން: މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ޓެރިފް ލައިނަކުން (މުދަލުގެ ބާވަތްތަކުން) ޚާއްސަ ޑިއުޓީގެ ލުއިތަކެއް ދެ ގައުމުގެ ދެމެދުގައި ބަދަލުކުރެވޭނެ
- މަސްވެރިކަމަށް ބޮޑު ފުރުސަތެއް: ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ 85 މިލިއަނަށްވުރެ ބޮޑު އާބާދީގެ މާރުކޭޓުން ފުޅާ ދާއިރާއެއްގައި ފުރުސަތުތައް ހުޅުވިގެންދާނެ
- މުދާ އެތެރެކުރުމުގެ ލުއި: ދިވެހި ވިޔަފާރިތަކަށް ތުރުކީގެ މަތީ ފެންވަރުގެ އުފެއްދުންތަކާއި ޒަރޫރީ ބާވަތްތައް ފަސޭހައިން ލިބުމުގެ މަގު ތަނަވަސްވާނެ
މިނިސްޓަރު ވިދާޅުވީ މި ފުރުސަތުގެ ބޭނުން ހިފައިގެން ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުގެ ރައްޔިތުންނަށް ދެމެހެއްޓެނިވި ތަނަވަސްކަމެއް ހޯދައިދިނުމަށް އުއްމީދުކުރައްވާ ކަމަށެވެ.
ދިވެހިރާއްޖެ އާއި ތުރުކީވިލާތާ ދެމެދު އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ އައު މަސައްކަތްތަކެއް ފެށުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރަސްމީ ހުވާކުރެއްވުމަށްފަހު، އެމަނިކުފާނުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި 2023 ނޮވެމްބަރު މަހު ތުރުކީއަށް ކުރެއްވި ޒިޔާރަތުންނެވެ.
- އެ ދަތުރުފުޅުގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާންއާއެކު ބޭއްވެވި ރަސްމީ ބައްދަލުވުންތަކަށްފަހު، ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ އަދި ވިޔަފާރީގެ ގުޅުންތައް ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވުނެވެ. މީގެ އިތުރުން، ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް (ހަނޑޫ، ހަކުރު، ފުށް) އެއް ގައުމަކަށް ބަރޯސާނުވެ، ތުރުކީން ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، ރާއްޖޭގެ ސަލާމަތީ ބާރުތަކަށް ބޭނުންވާ ޑްރޯން ފަދަ ޒަމާނީ ވަސީލަތްތައް ހޯދުން ހިމެނެއެވެ.