ބޮޑުތަކުރުފާނު މަގުގައި ފެންހިއްކުމަށް ބޭނުންކުރާ ތިން ޕަންޕު އޮގަސްޓް މަހުގެ 15ގެ ނިޔަލަށް ހަރުކޮށް ނިންމާނެ ކަމަށް އެމްޓީސީސީ އިން ހާމަކޮށްފިއެެވެ.
ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު އަލުން ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން، އެ މަގުގައި ފެންހިއްކުމަށް ބޭނުންކުރާ ތިން ޕަންޕު އޮގަސްޓް މަހުގެ 15 ގެ ކުރިން ހަރުކޮށް ނިންމުމަށް އެ ކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.
މަގު މިހާރު އާންމުންނަށް ހުޅުވާލާފައިވީ ނަމަވެސް، ކުރިންވެސް އިއުލާންކޮށްފައިވާ ފަދައިން ބައެއް ނުނިމި ހުރި މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ހާމަކުރެއެވެ. މީގެއިތުރުން، މިހާރު ހުރި މޫސުމީ ހާލަތުގެ ސަބަބުން ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވެއްޖެނަމަ، އެ ކުންފުނީގެ ޓީމުތަކުން ނިކުމެ ފެންހިއްކުމުގެ މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަގީންކަން އެމްޓީސީސީން ވަނީ ދީފައެވެ.
ވިއްސާރަ ދުވަސްވަރު މި މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ސްޓޯމްވޯޓާ މެނޭޖްމަންޓް ސިސްޓަމެއްގެ ދަށުން ޕަންޕުތައް ހަރުކުރުމުގެ ފަހުގެ މަސައްކަތްތައް ކުރަމުންދާއިރު، އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާއާ ހަމައަށް ހުރި މަގުގެ ބައި ތަރައްގީކުރުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނޮވެމްބަރު މަހުގެ ނިޔަލަށް ނިންމުމަށް ވަނީ ތާވަލުކޮށްފައެވެ.