މާލޭގެ ބޮޑުތަކުރުފާނުމަގުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމައްޗަށްވާ ގޮތަށް އޮތް ހުސްބިމުގައި ފެރީ ޓާމިނަލަކާއި ސައިކަލް ޕާކިން ޒޯނެއް ހިމެނޭ ގޮތަށް ޒަމާނީ އިމާރާތެއް ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.
މި ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 10 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.
ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ހުށަހެޅުއްވި މި މަޝްރޫއު، އިތުރަށް ދިރާސާކުރުމަށް ކައުންސިލްގެ ހުރިހާ މެންބަރުންގެ ފާސްވުމާއެކު މިހާރު ވަނީ އާބަން ޕްލޭނިން ކޮމިޓީއަށް ފޮނުވާފައެވެ. މި އިމާރާތް ފަރުމާކޮށްފައިވަނީ އޭގެ ބިމު ފަންގިފިލާ (ގްރައުންޑް ފްލޯ) ފެރީ ޓާމިނަލެއްގެ ގޮތުގައި ބޭނުންކުރާ ގޮތަށެވެ.
ޓާމިނަލްގެ ބިމު ފަންގިފިލާ ފަރުމާކޮށްފައިވަނީ ރަށްރަށުން އަންނަ މީހުންނާއި މާލެއިން ފުރާ މީހުންނަށް ފަސޭހަކަމާއެކު މަޑުކޮށްލެވޭނެ ގޮތަށެވެ. މީގެ އިތުރުން، އަންހެނުންނާއި ފިރިހެނުންނަށް ވަކި ފާހާނާތަކަކާއި، ލުއިކާނާ ލިބޭ ކުޑަ ފިހާރައެއްގެ އިތުރުން ނަމާދުކުރާނެ ކުޑަ ކޮޓަރިއެއް މި ފަންގިފިލާގައި ހެދުމަށް ވަނީ ހުށަހަޅާފައެވެ.
މި މަޝްރޫއާ ބެހޭގޮތުން ވާހަކަދައްކަވަމުން މެންބަރު ޒަހިއްޔާ ވިދާޅުވީ، ލޯންޗުތަކުގައި މާލެއަށް ދަތުރުކުރާ އަތޮޅުތެރޭގެ ރައްޔިތުންނަށް މިއިން ބޮޑު ހިތްހަމަޖެހުމެއް ލިބޭނެ ކަމަށެވެ. އަދި ޓެކްސީއެއް ލިބެންދެން ކުޑަކުދިން ގޮވައިގެން މައިން އަވީގައި ތިބެންޖެހޭ ޖެހުމަށް މިއިން ނިމުމެއް އަންނާނެ ކަމަށާއި، އިމާރާތުގައި ހަދާ ފިހާރަޔާއި ފުޑް ކޯޓުތަކުން ކައުންސިލަށް އާމްދަނީ ލިބޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މާލޭގައި ޕާކުކުރުން ބޮޑު މައްސަލައަކަށް ވެފައިވާ މި ދަނޑިވަޅުގައި، މި ޒަމާނީ އިމާރާތުގެ ސަބަބުން ތޮއްޖެހުން ކުޑަވެ، ހިނގާ މީހުންނަށް ލުއިލިބޭނެ ކަމަށް ކައުންސިލުން ދެކެއެވެ. މިއީ މާލޭގެ ބޮޑެތި މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދަން ކުރާ މަސައްކަތެކެވެ.