ވެލާނާ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު (އެމް.އެލް.އީ) މެދުވެރިކޮށް ކެމްބޯޑިއާއިން ފޮނުވި ފުރަތަމަ ސީ-ޓު-އެއަރ ޓްރާންސްޝިޕްމަންޓް ކާގޯ ކާމިޔާބުކަމާއެކު ފޮނުވާލައިފިއެވެ.
މިއީ އެއަރޕޯޓުގެ ކަނޑާއި ވައިގެ މަގުން މުދާ އުފުލުމުގެ ޚިދުމަތް ދެކުނުއިރުމަތީ އޭޝިއާގެ ބާޒާރުތަކަށް ފުޅާވެގެންދިޔަ މުހިންމު ކުރިއެރުމެއް ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމްއޭސީއެލް އިން ހާމަކުރިގޮތުގައި،ކެމްބޯޑިއާއިން ކަނޑުމަގުން ރާއްޖެއަށް ގެނައި މި މުދާތައް، ވެލާނާ އެއަރޕޯޓުން ވައިގެ މަގުން ފޮނުވާލީ ފްރާންސްގެ ލީލް އަށެވެ. މި މަސައްކަތުން ދައްކުވައިދެނީ އޭޝިއާއާއި ޔޫރަޕާ ދެމެދު މުދާ ބަދަލުކުރުމުގައި ރާއްޖޭގެ މައި އެއަރޕޯޓުން އަދާކުރާ މުހިންމު ދައުރު ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
އެމް.އޭ.ސީ.އެލް އިން ބުނީ، މިއީ ރާއްޖޭގެ ސީ-ޓު-އެއަރ ޚިދުމަތް ދެކުނު އިރުމަތީ އޭޝިއާގެ މާކެޓަށް ފުޅާވެ، ބައިނަލްއަޤްވާމީ ފެންވަރުގައި ވައިގެ ބަނދަރުގެ ޤާބިލުކަން އިތުރުވެގެންދިޔަ ކަމެއް ކަމަށެވެ. މީގެ ކުރިން ބަންގްލަދޭޝް، އިންޑިއާ އަދި ސްރީލަންކާއިން ގިނައިން މި ޚިދުމަތް ހޯދިއިރު، ކެމްބޯޑިއާގެ މުދާ ކާމިޔާބުކަމާއެކު ހޭންޑްލްކުރެވުމަކީ އައު މާކެޓްތަކަށް ރާއްޖޭގެ ކާގޯ ޚިދުމަތް ފޯރަމުންދާކަމުގެ ހެއްކެކެވެ.
މި ކާމިޔާބީއާއެކު، އޭޝިއާއާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެކި ބާޒާރުތަކާ ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒެއްގެ ގޮތުގައި ވެލާނާ އެއަރޕޯޓުގެ ނަން ވަނީ އިތުރަށް ވަރުގަދަވެފައި ކަމަށް އެމްއޭސީއެލް އިން ހާމަކުރެއެވެ.
ދިވެހިރާއްޖޭގައި ސީ-ޓު-އެއަރ ކާގޯ ޚިދުމަތް 2024 މާރިޗުގައި ފަށައި، ބަންގްލަދޭޝްއިން އައި އަންނައުނުގެ ޝިޕްމަންޓެއް ޖަރުމަނަށް ފޮނުވުމާއެކު މި ޚިދުމަތް ރަސްމީކޮށް ހުޅުވާލާފައިވެއެވެ. އެމް.ޕީ.އެލް އާއި އެމް.އޭ.ސީ.އެލް ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން، މިހާރު 17 އަށްވުރެ ގިނަ އެއަރލައިން މެދުވެރިކޮށް 23 މަންޒިލަކަށް މަހެއްގެ މައްޗަށް ސަތޭކަ ޓަނުގެ ކާގޯ ކާމިޔާބުކަމާއެކު އުފުލަމުންދެއެވެ.