ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން މިއަހަރުގެ ދެވަނަ ކުއާޓާގައި،ސާފު ފައިދާގެ ގޮތުގައި 280 މިލިއަން ރުފިޔާ ހޯދައިފިއެވެ.
މިއީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މަތިވުމާ ގުޅިގެން، ކުރީ ކުއާޓާޔާ އަޅާބަލާއިރު 27 އިންސައްތައިގެ އިތުރުވުމެކެވެ.
އެސްޓީއޯ އިން ބުނި ގޮތުގައި ތެލުގެ އަގު މަތިވުމާއެކު އާމްދަނީ އިތުރުވި ނަމަވެސް، ދިވެހިރާއްޖޭގެ ބާޒާރުގައި ތެލުގެ އަގު ކޮންޓްރޯލް ކުރުމަށް ސަރުކާރާއި އެސްޓީއޯ ގުޅިގެން ކުރި މަސައްކަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ތެލުގެ އަގުތައް ވަނީ މަތިނުކޮށް ހިފަހައްޓާފައެވެ.
މީގެ ނަތީޖާއެއްގެ ގޮތުން ތެލުގެ މާޖިން ކުޑަވެ، ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ ދަށްވި ނަމަވެސް، ކުންފުނީގެ އެހެނިހެން ވިޔަފާރިތަކުން ލިބުނު ފައިދާ އިތުރުވުމުން ޖުމްލަ ފައިދާއަށް ކުރި އަސަރު ކުޑަކުރެވުނު ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން މި ކުއާޓާގައި ޖުމްލަ ފައިދާގެ ގޮތުގައި ލިބުނީ 757 މިލިއަން ރުފިޔާއެވެ.
އެސްޓީއޯ އިން ފާހަގަކުރި ގޮތުގައި ޖުމްލަ ފައިދާއަށް ބަދަލުތަކެއް އައި ނަމަވެސް، ހިންގުމުގެ ޚަރަދުތަކާއި މާލީ ކަންކަން ބަލަހައްޓާފައިވަނީ ވަރަށް ހަރުދަނާކޮށެވެ. މީގެ ސަބަބުން، ޓެކްސް އުނިކުރުމުގެ ކުރިން ކުންފުންޏަށް 335 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިފައިވާކަމަށް އެ ކުންފުނިން ބުނެއެވެ .
އެސްޓީއޯ އިން ބުނީ ކުންފުނީގެ ވިޔަފާރީގެ ހުރިހާ ބައިވެރިންނާއި ހިއްސާދާރުން ބަހައްޓަވާ ގާތްކަމަށާއި، ދެއްވާ އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި ހިތުގެ އަޑިން ޝުކުރު އަދާކުރާ ކަމަށެވެ.