ވޭތުވެދިޔަ ހަފުތާގައި އަލަށް 20 މީހަކަށް ހިމަބިހި ޖެހިގެން ރިޕޯޓްކޮށްފައިވާތީ، ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 186 އަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
ރާއްޖެއިން ކުރިން ނައްތާލާފައިވާ ހިމަބިހީގެ ފުރަތަމަ ކޭސް މިފަހަރު ފެނިފައިވަނީ ޖޫން މަހުގެ ކުރީކޮޅުއެވެ. އެޗްޕީއޭއިން ބުނިގޮތުގައި ވޭތުވެދިޔަ ހަފުތާގައި ފެނުނު 20 ކޭސްވެސް ރިޕޯޓްކޮށްފައިވަނީ މާލެ ސަރަހައްދުންނެވެ. މި ބަލި ކޮންޓްރޯލް ކުރުމަށް ފެށި ޚާއްޞަ ވެކްސިން ޕްރޮގްރާމްގެ ދަށުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުންނަށް ވަނީ ވެކްސިން ދީފައެވެ.
ހިމަބިހި ވެކްސިންގެ ދެ ޑޯޒް ފުރިހަމަވިކަން ޔަގީންނުވާ އެންމެހާ ފަރާތްތަކުން ވެކްސިން ސެންޓަރަށް ގޮސް ޑޯޒްތައް ފުރިހަމަކުރުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ. އަދި ހިމަބިހި ޖެހިފައިވާ މީހަކާ ދިމާވެފައިވާނަމަ، ހުޅުމާލެ ހޮސްޕިޓަލުގެ އަރބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރަށް ގޮސް ވެކްސިން ޖެހުމަށް ވަނީ އިރުޝާދުދީފައެވެ. މީގެއިތުރުން، މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުން ކަނޑައެޅިފައިވާ ވަގުތުތަކުގައި ވެކްސިންގެ ޚިދުމަތް ލިބޭނެއެވެ.
ހުންއައުމާއެކު ރަތް ބިހި ނެގުން ފަދަ ހިމަބިހީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށް އެޗްޕީއޭއިން އިރުޝާދުދެއެވެ. އަދި މިފަދަ ހާލަތެއްގައި ހޮސްޕިޓަލަށް ދާއިރު މާސްކް އެޅުމަށާއި، އާންމު ދަތުރުފަތުރުގެ ވަސީލަތްތައް (ބަހާއި ފެރީ ފަދަ ތަންތަން) ބޭނުންނުކުރުމަށް ވަނީ އެދިފައެވެ.
މީގެއިތުރުން، ހިމަބިހީގެ ޓެސްޓް ހެދުމަށްފަހު، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ ތިބުމަށްވެސް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.