ރަތްކަނޑުން ދަތުރުކުރި ސައޫދީ އަރަބިއްޔާގެ އުޅަނދަކަށް އަމާޒުކޮށް ޔަމަނުގެ ހޫތީ ގުރޫޕުން ދިން ހަމަލާ ދިވެހި ސަރުކާރުން އިބާރާތުން ކުށްވެރިކޮށްފިއެވެ.
ފޮރިން މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނީ، ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅީގެ ހަމަޖެހުން ގެއްލޭގޮތަށް ދޭ މި ހަމަލާތަކަކީ، ބައިނަލްއަގުވާމީ ކަނޑުދަތުރުފަތުރުގެ މިނިވަންކަމާއި ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ.އަދި މިއީ ދުނިޔޭގެ ހަކަތައިގެ ސަލާމަތާއި، އިގްތިސާދާއި، ސަރަހައްދީ ހަމަޖެހުމަށް ނޭދެވޭ އަސަރުތަކެއް ކުރާނެ ނުރައްކާތެރި ހަމަލާތަކެއް ކަމަށްވެސް ރާއްޖެއިން ބުނެއެވެ.
މީގެއިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކާއި، ޚާއްޞަކޮށް އދ. ގެ ކަނޑުތަކާބެހޭ މުޢާހަދާގެ އިތުރުން، އދ. ގެ ސަލާމަތީ މަޖިލީހުގެ ގަރާރުތައް ކަމުގައިވާ 2216 އަދި 2722 ތަންފީޒުކުރުން ކަށަވަރުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުން އެކުވެގެން މަސައްކަތްކުރުމަށް ދިވެހި ސަރުކާރުން އިލްތިމާސްކުރެއެވެ.
ސައޫދީ އަރަބިއްޔާގެ މިނިވަންކަމާއި، ސަލާމަތާއި، ސަރަހައްދީ ރައްކާތެރިކަން ދިފާއުކުރުމަށް އެ ގައުމުން އަޅަމުންދާ ހުރިހާ ފިޔަވަޅުތަކަކަށް ފުރިހަމައަށް ތާއީދުކުރާކަން ދިވެހިރާއްޖެއިން ވަނީ ތަކުރާރުކޮށްފައެވެ. އަދި ސައޫދީ ސަރުކާރާއި އެ ގައުމުގެ އަޚުވަންތަ ރައްޔިތުންނާއެކު ރާއްޖެ އަބަދުވެސް ސާބިތުކަމާއެކު އޮންނާނެ ކަމުގެ ޔަގީންކަންވެސް ދިވެހި ސަރުކާރުން ވަނީ ދީފައެވެ.
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ގުރޫޕުން ރަތްކަނޑާއި ބާބުލް މަންދަބު ކަނޑުއޮޅިން ދަތުރުކުރާ ބައިނަލްއަގުވާމީ ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެންނެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތަކާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ބުނެ ހޫތީން ދެމުންދާ މި ހަމަލާތަކުގެ ސަބަބުން، ދުނިޔޭގެ ވިޔަފާރި މުދަލާއި ހަކަތަ އުފުލާ މައި ދަތުރުފަތުރުގެ މަގަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ. މި ސަރަހައްދުގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އދ. ގެ ސަލާމަތީ މަޖިލީހުން ޚާއްޞަ ގަރާރުތަކެއް ފާސްކޮށްފައިވާއިރު، ސައޫދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫތީން ދޭ ހަމަލާތަކާ ގުޅިގެން ދިވެހި ސަރުކާރުން އަބަދުވެސް އަންނަނީ ސައޫދީއާއެކު ސާބިތުކަމާއެކު އޮތްކަން ހާމަކުރަމުންނެވެ.