ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވެ، ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި މުޅި ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް ގައުމީ މޫސުމާ ބެހޭ އިދާރާ (މެޓް) އިން ލަފާކޮށްފިއެވެ.
މެޓް އޮފީހުން ލަފާކޮށްފައިވާ ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހުގެ ހެނދުނު 11:30 އިން ފެށިގެން ރޭގަނޑު 11:30 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައިގެ އަސަރު ކުރާނެއެވެ. އުދައެރުމުގެ ސަބަބުން ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށްޓަކައި ދުރާލާ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
އެގޮތުން ގޭގެއަށް ފެން ނުވަންނާނެހެން ދޮރުމަތީގައި ވެލިބަސްތާ ޖެހުމާއި، އަގުބޮޑު އިލެކްޓްރޯނިކްސް ސާމާނާއި ހިފާގެންގުޅޭ ތަކެތި ފެނުގެ އަސަރު ނުފޯރާނެ ފަދަ އުސް ތަންތަނަށް ބަދަލުކުރުމަށް ވަނީ އިރުޝާދުދީފައެވެ. އަދި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމީ އެންމެ ފަހުގެ މައުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިތޯ ކަށަވަރުކުރުމާއެކު، ފަޅުތެރޭގައި ބަނދަރުކޮށްފައިވާ އުޅަނދުފަހަރުގެ އައްސަރިފަށްތައް ބާރުކޮށް އުޅަނދުތަކަށް ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އެދިފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1