ދިވެހި ސަރުކާރުގެ އެދުމުގެ މަތިން، ހިލޭއެހީގެ ގޮތުގައި އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު، “ޢިމާދުއްދީން” ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ކޮމިޝަންކޮށްދެއްވައިފިއެވެ.
މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތު ކުރިއަށްދިޔައީ ހުޅުމާލޭ އިންޓަނޭޝަނަލް ޓާމިނަލްގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ، މަނަވަރު ހަދިޔާކުރިކަމުގެ ރަމްޒާ ހަވާލުވެވަޑައިގެންފައެވެ. އަދި ދިވެހިރާއްޖޭގެ ފަރާތުން އޮސްޓްރޭލިޔާ ސަރުކާރަށް އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވުމުގެ ރަސްމީ އައިޓަމް އެމަނިކުފާނު ޝަރަފުވެރިކޮށްދެއްވިއެވެ. އެއަށްފަހު އެމަނިކުފާނު ވަނީ މި އަސްކަރީ މަނަވަރުގެ ނަން ރަސްމީކޮށް ކަޝްފުކޮށްދެއްވާފައެވެ.
ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ކޯސްޓްގާޑް ފްލީޓަށް އަލަށް އިތުރުކުރެވުނު ނޭވީ މަނަވަރު “ޢިމާދުއްދީން” ގެ ޚިދުމަތް ރައީސް މުޢިއްޒު ރަސްމީކޮށް ފައްޓަވައިދެއްވީ، މަނަވަރު ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ގައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ ހަވާލުކޮށްދެއްވަމުންނެވެ.
މި ރަސްމިއްޔާތަށްފަހު، މަނަވަރުގެ ކުރޫއިން ވަނީ “ކޯސްޓްގާޑް ޝިޕް ޢިމާދުއްދީން” އަށް އަރައި، ކޮމިޝަންކުރުމުގެ ހާއްސަ ޑްރިލް ކާމިޔާބުކަމާއެކު ފުރިހަމަކޮށްފައެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، ނޭވީ މަނަވަރު “ޢިމާދުއްދީން”އަކީ، ރައީސުލްޖުމްހޫރިއްޔާ ދިވެހި އަސްކަރިއްޔާގެ ދިފާއީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާ އެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެކެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މުހިންމު ވައުދުފުޅެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1