މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހިންގާ “މާލޭ ރޯޑް ޕްރޮޖެކްޓް” ގެ ދަށުން، އަމީނީ މަގުގައި ކޯ ކަޓިން ނުވަތަ މަގުގެ އަޑީގެ ހާލަތު ދެނެގަތުމަށް ބޭނުންވާ ސާމްޕަލް ނެގުމުގެ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި، މި މަސައްކަތަކީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ކުރިއަށްގެންދާ “ޕްރީ-ކޮންސްޓްރަކްޝަން” ސާވޭތަކުގެ ބައެކެވެ. އެ ކުންފުނީގެ ސާވޭ ޓީމުން މިއަދު ވަނީ އަމީނީ މަގުގެ އެކި ސަރަހައްދުތަކުން ކޯ ކަޓިންގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ. މި ސާވޭގެ އެހީގައި މަގުގެ އަޑީގެ ފަށަލަތަކުގެ ވަރުގަދަމިނާއި، މަގު ޑިޒައިންކޮށް ހެދުމަށް ބޭނުންވާ މުހިންމު ފަންނީ މައުލޫމާތު އެއްކުރެވޭނެއެވެ.
“މާލޭ ރޯޑް ޕްރޮޖެކްޓް” އަކީ މާލޭގެ ކަނޑައެޅޭ ބޮޑެތި މަގުތަކެއް މަރާމާތުކޮށް، ދަތުރުފަތުރަށް ފަސޭހަ އަދި ރައްކާތެރި ތަނަކަށް ހެދުމަށް ހިންގާ ހާއްސަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ތެރޭގައި މާލޭގެ ތިން މައި މަގެއް ހެދުން ހިމެނެއެވެ. އެއީ:
- އަމީނީ މަގު
- އިއްޒުއްދީން މަގު
- ބޮޑުތަކުރުފާނު މަގު
އެމްޓީސީސީއިން ބުނިގޮތުގައި މި މަޝްރޫއު އެއްކޮށް ނިމުމުން، މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗެއްސަށް ކުރިއަށްވުރެ މާ ރައްކާތެރި، އަދި ދަތުރުފަތުރު ކުރުމުގައި ހިތްފަސޭހަ މަގުތަކަކަށް ވެގެންދާނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1