މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން އަލަށް އެކުލަވާލައި ޢާންމުކުރި “ކާބޯތަކެތީގެ އިންސްޕެކްޓަރުންގެ ގަވާއިދު” ގެ ދަށުން، އިންސްޕެކްޓަރަކު އުސޫލާ ޚިލާފު ޢަމަލެއް ހިންގައިފިނަމަ ކުށުގެ ކުޑަބޮޑުމިނަށް ބަލައި ޖޫރިމަނާ ކުރަން ކަނޑައަޅައިފިއެވެ.
މި ގަވާއިދުގެ ދަށުން އިންސްޕެކްޓަރުން ކުރާ ގަވާއިދާ ޚިލާފު ޢަމަލުތަކަށް ފިޔަވަޅު އަޅާނީ ތަކުރާރުވާ ނިސްބަތަށް ބަލައި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފަހަރަށް 5,000 ރުފިޔާއިން ޖޫރިމަނާ ކުރާއިރު، ދެވަނަ ފަހަރު 10,000 ރުފިޔާ، ތިންވަނަ ފަހަރު 25,000 ރުފިޔާ، އަދި ހަތަރުވަނަ ފަހަރު 50,000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި ފަސްވަނަ ފަހަރު ނުވަތަ އެއަށްވުރެ އިތުރަށް ކުށް ތަކުރާރުކޮށްފިނަމަ ޖޫރިމަނާގެ އަދަދު 100,000 ރުފިޔާއަށް ބޮޑުވާނެއެވެ.
އެމް.އެފް.ޑީ.އޭ އިން ބުނިގޮތުގައި އިންސްޕެކްޓަރުން މަސައްކަތް ކުރަންޖެހޭނީ އަމާނާތްތެރިކަމާއެކުގައެވެ. އަދި އަމިއްލަ ނަފާޔަށްޓަކައި ކާބޯތަކެތީގެ ވިޔަފާރިތަކުގައި ބައިވެރިވުމާއި، ރިޝްވަތާއި ހަދިޔާ ފަދަ ތަކެތި ގަބޫލުކުރުމުގެ އިތުރުން ރިޕޯޓުތައް އޮޅުވާލުމަކީ މަނާކަމެކެވެ. މީގެ އިތުރުން، އާއިލީ ނުވަތަ ވިޔަފާރީގެ ގުޅުން އޮންނަ ތަންތަން ބަލައި ފާސްކުރުން ފަދަ މަސްލަހަތު ފުށުއަރާ ކަންކަމުން އެފަރާތްތަކުން ދުރުހެލިވާންޖެހޭނެއެވެ.