ކަނޑުއޮތްގިރި ފިޝް ވިލެޖް ގައި ގާއިމުކޮށްފައިވާ އައިސް ޕްލާންޓުން މަސްވެރިންނަށް އައިސް ވިއްކުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިފްކޯއިން ހާމަކުރިގޮތުގައި،ދުވާލަކު 25 ޓަނުގެ އައިސް އުފައްދާ މި ޕްލާންޓްގެ ޚިދުމަތް ފެށުމާއެކު، މާލެ ކައިރީގައި ހަރަކާތްތެރިވާ މަސްވެރިންނަށް ކުރިމަތިވި އައިސްގެ ދަތިކަމަށް ވަނީ ދާއިމީ ހައްލެއް ލިބިފައެވެ.
އައިސް ޕްލާންޓުގެ އިތުރުން، ދުވާލަކު 3 ޓަނުގެ މަސް ބޭނުންކުރެވޭ ފެކްޓަރީއެއް މިމަހު ކަނޑުއޮތްގިރީގައި ހުޅުވާފައިވާއިރު، އެތަނުގައި ހިކިމަހާއި ރިހާކުރު ބަންދުކުރަން ވަނީ ރޭވިފައެވެ.
މި ވަސީލަތްތަކުގެ ސަބަބުން މަސްވެރިންގެ އުފެއްދުންތައް މާލެ ސަރަހައްދަށް ފޯރުކޮށްދިނުން ފަސޭހަވެގެންދާނެއެވެ. އަދި ހިންގުމުގެ ޚަރަދުތައް ކުޑަވެ، މަސްވެރިންނަށް މާލީ ގޮތުން ބޮޑު ލުޔެއް ލިބޭނެއެވެ.
މާލެ ސަރަހައްދަށް ބޭނުންވާ މިފްކޯގެ އުފެއްދުންތައް މީގެ ކުރިން މައިގަނޑު ގޮތެއްގައި ސަޕްލައި ކުރަމުން އައީ ގާފު އަލިފު އަތޮޅު ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް އިންނެވެ.
ނަމަވެސް ކޫއްޑޫ އިން މާލެއަށް މަހުގެ އުފެއްދުންތައް އުފުލުމުގައި ލޮޖިސްޓިކްސް ގޮތުންނާއި ދަތުރުފަތުރުގެ ގޮތުން ބޮޑެތި ގޮތްްނޭނގޭ ދަތިތަކެއް ކުރިމަތިވެ، ބާޒާރުން ބައެއް ފަހަރު މަހުގެ ބާވަތްތައް ހުސްވުމުގެ މައްސަލަ ދިމާވެއެވެ.
ކަނޑުއޮތްގިރީގައި މިފްކޯއިން އަލަށް މި ފެށި މަޝްރޫއަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަސްވެރިކަމުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން، މާލެ ސަރަހައްދުގެ މާކެޓަށް ސަޕްލައި މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަކޮށްގެން ފެށި މުހިންމު މަސައްކަތެކެވެ.