ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޤައުމީ ދިފާޢީ ބާރު (އެމް.އެން.ޑީ.އެފް)ގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމް.އާރް.ސީ.ސީ)ގެ އައު އިމާރާތް ހުޅުއްވައިދެއްވައިފިއެވެ.
ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ޑިފެންސް މިނިސްޓަރު ޙަސަން ރަޝީދާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. އަދި ސިފައިންގެ އެންމެ މަތީ ވެރިޔާގެ ޝަރަފުގައި އެ މައިދާނުން ރިޔާސީ ކުރުނީހެއް އަރުވާފައިވެއެވެ.
ސަރުކާރުން ތަރައްޤީކުރި މި ސެންޓަރުގެ މަޝްރޫޢު ކުރިއަށްގެންގޮސްފައިވަނީ ޔޫ.އެން.އޯ.ޑީ.ސީގެ ބެލުމުގެ ދަށުންނެވެ. އަދި މި އިމާރާތުގައި ޤާއިމްކޮށްފައިވާ ޚިދުމަތްތަކަށް ބޭނުންވާ މުހިންމު އާލާތްތަކާއި ވަސީލަތްތައް ހޯދުމުގައި އޮސްޓްރޭލިޔާ ސަރުކާރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެއެވެ.
އެމް.އާރް.ސީ.ސީ އަކީ ރާއްޖޭގެ ކަނޑާއި ވައިގެ ސަރަޙައްދުގައި ދިމާވާ ނުރައްކާތެރި ޙާދިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ އޮޕަރޭޝަންތައް ވިލަރެސްކުރާ މައި މަރުކަޒެވެ.
މި އިމާރާތުގެ ބިންގާ 2022 ގައި އެޅި ނަމަވެސް، އެކި ސަބަބުތަކާހުރެ މަސައްކަތް ހުއްޓިފައި އޮތުމަށްފަހު، މި ސަރުކާރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ އިސްކަމެއްގެ ދަށުން މަސައްކަތް ނިންމާލާފައެވެ. މިއީ ކޯސްޓްގާޑުގެ ޤާބިލުކަން އިތުރުކުރުމަށް އެމަނިކުފާނު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުއްވި މުހިންމު ފިޔަވަޅެކެވެ.
އިމާރާތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ. އެމް.އާރް.ސީ.ސީގެ މި އައު އިމާރާތުގައި ކަނޑާއި ވައިގެމަގުން ހިނގާ ހާދިސާތައް މޮނިޓަރކޮށް ވިލަރެސްކުރާނެ ޒަމާނީ އޮޕަރޭޝަންސް ރޫމެއްގެ އިތުރުން، އިންސާނީ ވަސީލަތްތައް ތަރައްޤީކުރުމަށް ބޭނުންވާ ތަމްރީނު ކްލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ޤާއިމުކޮށްފައިވެއެވެ.
އިމާރާތް ހުޅުއްވައިދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ސެންޓަރުގެ ގޯތިތެރޭގައި ހަނދާނީ ގަހެއް އިންދަވައިދެއްވާފައެވެ.
މި ރަސްމިއްޔާތުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއާއި، އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރު ހައޮ ޒެންގގެ އިތުރުން ބޭރު ގައުމުތަކުގެ އިސް ޑިޕްލޮމެޓުންނާއި، ދިވެހި ސަރުކާރުގެ ވަޒީރުންނާއި، އެމް.އެން.ޑީ.އެފްގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވިއެވެ.