ދިވެހިރާއްޖޭގެ މިނިވަންކަމުގެ މަތިވެރި ނިޢުމަތް ރައްކާތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ކާބަފައިން އެކަމަށްޓަކައި ކުރެއްވި މަތިވެރި ޤުރުބާނީގެ ޙަޤީޤަތްތައް ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުމަކީ މިއަދު ކޮންމެ ދިވެއްސެއްގެވެސް އެންމެ އިސް ވާޖިބު ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މެޑަމް ސާޖިދާ ފާހަގަކުރެއްވި ގޮތުގައި، މިއަދު ދިވެހިން މިދެކޭ މިނިވަންކަމަކީ މާޒީގައި ކާބަފައިން އަމިއްލަ ފުރާނައާއި މާލުން ވެވަޑައިގެންނެވި ބޮޑެތި ޤުރުބާނީތަކެއްގެ ސަބަބުން ލިބިފައިވާ މަތިވެރި ނިޢުމަތެކެވެ.
މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމަށް ކުރިމަތިވާ ކޮންމެ ހުރަހަކާ ކުރިމަތިލައި، އެ ހުރަސްތައް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުން ފުރިގެންވާ ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގަންނުވަން ޖެހޭ ކަމަށެވެ. އަދި ޤައުމުގެ ކުރިމަގަށްޓަކައި ޢިލްމާއި ރީތި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ހަރުދަނާ ޖީލެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެ ކަމަނާ ވަނީ މި ކުރެވޭ މާތް މަސައްކަތުގައި ކީރިތި ﷲ ބަރަކާތާއި ކާމިޔާބީ ދެއްވުން އެދި ދުޢާ ދަންނަވާފައެވެ.
ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، އިސްތިއުމާރީ ތަފާތު ބާރުތަކުން ދިވެހި ފަސްގަނޑުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސްއެޅި ކޮންމެ ދަނޑިވަޅެއްގައި، ކާބަފައިން ވަނީ ޤައުމާއި ދީނުގެ ދިފާޢުގައި ފުރާނައިން ބޮޑެތި ޤުރުބާނީތަކެއް ވެވަޑައިގެންފައެވެ. ނަމަވެސް، ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު، އާ ޖީލުގެ ހިތްތަކުގައި ޤައުމީ ތާރީޚަށް އޮންނަ ޝައުޤުވެރިކަން ކުޑަވަމުންދާކަމުގެ ކަންބޮޑުވުން މުޖުތަމައުގައި ވަނީ އިތުރުވެފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1