ކާބަފައިން ބޮޑެތި ޤުރުބާނީތަކެއްވެގެން ހޯދައިދިން މިނިވަންކަން ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ މިއަދުގެ ޖީލަށް އޮތް އެންމެ ބޮޑު މަސްއޫލިއްޔަތު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ޚާއްޞަ މެސެޖެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ޤައުމުގެ މިނިވަންކަން ހިމާޔަތްކުރުމުގެ ބުރަ ޒިންމާ އަދާކުރެވޭނީ ކޮންމެ ދިވެހި ރައްޔިތަކުވެސް އަމިއްލަ އެދުމުގެ ކުރިއަށް ޤައުމީ މަސްލަހަތާއި ޤައުމީ ލޯބި އިސްކޮށްގެން ކަމަށެވެ. އަދި ދިވެހިންގެ ދީނާއި، ދިވެހި ބަހާއި، އަމިއްލަވަންތަ ސަގާފަތަށް ފަޚުރުވެރިވެ، އެ ކަންކަން ދެމެހެއްޓުމުގައި މުޅި މުޖުތަމައު އެއްބައިވަންތަވާންޖެހޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.