ސިޔާސީ ވިހަގަދަ ބަދަލުހިފުމުގެ ރޫޙުގެ އަޅުވެތިކަމުން ޤައުމު ސަލާމަތްކޮށް، އަނިޔާވެރިކަމުގެ ބަދަލުގައި އަމާންކަން ޤާއިމުކޮށްދެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި،އޮތް ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠިބުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި މިނިވަންކަމުގެ ފުރިހަމަކަން ގުޅިފައިވަނީ ޤައުމުގެ ދާޚިލީ މިނިވަންކަމާއެވެ. އަދި މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްތުވާތަކެތީގެ މައްސަލައާއި، ގޭންގު ކުށްތަކުގެ އިތުރުން ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ އޮތީ އިންތިހާއަށް ބޮއްސުންލާފައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ ކުރިން މިކަންކަމަށް އެދެވޭ ޙައްލެއް ލިބިފައިނުވި ނަމަވެސް، މި ސަރުކާރުގެ ދާޚިލީ ސިޔާސަތުތައް ބައްޓަންކުރީ މި ބޮޑެތި މައްސަލަތަކަށް ޙަޤީޤީ ނަތީޖާއެއް ނެރެދިނުމަށް ކަމަށާއި، މިހާރު އެކަމުގެ ހެޔޮ ބަދަލުތައް ފެންނަން ފަށާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރައްޔިތުންނާއި، ދައުލަތުގެ މުއައްސަސާތަކާއި، ބޭރުގެ އެކުވެރި ޤައުމުތަކުގެ އެއްބާރުލުމާއެކު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް، ފާހަގަކުރެވުނު ތިން މައްސަލައަށް ދާއިމީ ޙައްލެއް ގެނެވޭނެއެވެ. އަދި ޤައުމުގެ އެތެރޭގެ މިނިވަންކަން ދެމެހެއްޓޭނީ ޑިމޮކްރަސީގެ އުސޫލުތައް ފުރިހަމައަށް ގާއިމުކުރެވިގެންކަން ފާހަގަކުރައްވަމުން، މި ސަރުކާރުން ރާއްޖޭގެ ސިޔާސީ މާޙައުލު ވަރަށް ބޮޑަށް މިނިވަންކޮށްދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެގޮތުން، އިދިކޮޅު ސިޔާސީ ޕާޓީތަކަށް އެއްވެސް ހުރަހެއް ނެތި ހަރަކާތްތައް ހިންގުމުގެ ފުރުޞަތު މިހާރު ފަހިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ޤައުމުން ސިޔާސީ ބަދަލުހިފުމުގެ ރޫޙާއި އަނިޔާވެރިކަން ނައްތާލައި، ޑިމޮކްރަސީގެ ހަމަތައް ފުރިހަމައަށް ތަންފީޒުކުރެވެމުންދާ ކަމަށެވެ. އަދި އިސްލާމްދީނާއި ޤާނޫނުއަސާސީގެ ބޭރުން ނުވާނެހެން، ޚިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ކަށަވަރުކޮށްދެއްވާފައިވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1