ދިވެހިރާއްޖޭގައި މިހާތަނަށް ބިނާކުރާ އެންމެ ބޮޑު ކޯޓު ކޮމްޕްލެކްސް ހުޅުމާލޭގައި އިމާރާތް ކުރުމުގެ ބޮޑު މަޝްރޫޢު، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.
ހުޅުމާލޭ ފޭސް 1 ގެ ސެންޓްރަލް ޕާކު ކައިރީގައި 14 ފަންގިފިލާގެ ކޯޓު ކޮމްޕްލެކްސްއެއް 720 ދުވަސްތެރޭގައި އެޅުމަށް އެމްޓީސީސީއާ ހަވާލުކުރީ 699.8 މިލިއަން ރުފިޔާއަށެވެ މި މަޝްރޫޢާއެކު ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ޙައްލެއް ލިބި، މާލޭގެ ކޯޓުތައް އެއްތަނަކަށް ބަދަލުވެގެންދާނެއެވެ.
ހައުސިންގ މިނިސްޓްރީން ހާމަކުރި ގޮތުގައި 14 ފަންގިފިލާއަށް ބިނާކުރާ މި އިމާރާތް ފަރުމާކޮށްފައިވަނީ ހައި ކޯޓާއި، ސިވިލް ކޯޓާއި، ކްރިމިނަލް ކޯޓުގެ އިތުރުން ފެމިލީ ކޯޓާއި، ޑްރަގް ކޯޓާއި، ޖުވެނައިލް ކޯޓު އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝިއަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގޭނެ ގޮތަށެވެ . މި މަޝްރޫޢު ނިމުމުން ޝަރުޢީ ދާއިރާއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ޙައްލެއް ލިބި، ޒަމާނީ ވަސީލަތްތަކާއެކު ފަނޑިޔާރުންނާއި، މުވައްޒަފުންގެ އިތުރުން ޚިދުމަތް ހޯދާ އާންމުންނަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މާލޭގެ ކޯޓުތަކަށް ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، ގިނަ ކޯޓުތަކެއް މިހާރުވެސް ހިންގަމުންދަނީ ވަކިވަކި އިމާރާތްތަކުގައެވެ. މިގޮތުން ޖަސްޓިސް ބިލްޑިންގަށް ޖާގައިގެ ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިވާއިރު، އެ އިމާރާތުގައި މިހާރު ހިންގަނީ ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ ބައެއް ޑިވިޜަންތަކެވެ. އަދި ޖުވެނައިލް ކޯޓު ވަކި އިމާރާތެއްގައި ހިންގާއިރު، ހައި ކޯޓު ހިންގަމުންދަނީ ކުރީގެ ރިޔާސީ ގަޑުވަރު ކަމަށްވާ ތީމުގެއުގައެވެ. މީގެއިތުރުން، ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓު މިހާރު ވަގުތީގޮތުން ހިންގަމުންދަނީ ހުޅުމާލޭގައި ކުރިން ކޮވިޑް-19 އަށް ޚާއްޞަކޮށްގެން ހެދި ފެސިލިޓީ މަރާމާތުކުރުމަށްފަހު އެތަނުގައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1