މާލޭގެ އަމީނީ މަގު އަލުން މަރާމާތު ކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށް އޮތް ހަފުތާގައި ފެށުމަށް އެމްޓީސީސީން ތައްޔާރުވަމުންދާ ކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އަމީނީ މަގުގެ އެކި ހިސާބުތަކުން ތާރުގަނޑު ހަލާކުވެ، ވަޅުގަނޑުތަކާއި ބަންޕަރުތައް އުފެދުމުގެ ސަބަބުން މަގު ބޭނުންކުރާ ފަރާތްތަކަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ. މި މަގު މަރާމާތު ކުރުމުގެ މަސައްކަތް ހައުސިންގ މިނިސްޓްރީން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ މިދިޔަ ޖޫން 15 ގައެވެ.
އަމީނީ މަގުގައި ތާރުއެޅުމުގެ މަޝްރޫޢަކީ ކުރީގެ ސަރުކާރުން އާރްޑީސީއާ ޙަވާލުކޮށްގެން 2022 ޖުލައިގައި ފަށައި، 2024 ގެ ކުރީކޮޅު ނިންމާލި މަސައްކަތެކެވެ. ނަމަވެސް 2025 އަށް އައިއިރު މަގު ވަރަށް ބޮޑަށް ހަލާކުވުމުން، އެކި ދުވަސްމަތިން މަރާމާތުގެ މަސައްކަތްތައް ކުރަން ޖެހުނެވެ. ދައުލަތުގެ ބަޖެޓުން 84 މިލިއަން ރުފިޔާ މިކަމަށް ހޭދަކޮށްފައިވާއިރު، މި މަސައްކަތް ކުރީ ފެންވަރުދަށް ސާމާނު ބޭނުންކޮށްގެން، އާދަޔާޚިލާފަށް އަގުބޮޑުކޮށް ކަމަށް ބުނެ ކުރިން ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.
މަގު މަރާމާތު ކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން މަސައްކަތް ބަހާލައިގެން ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މިގޮތުން ބައެއް ބައިތައް ބަންދުކުރަން ޖެހިއްޖެ ހާލަތެއްގައި، ފުލުހުންނާ ގުޅިގެން ޓްރެފިކް ބެލެހެއްޓުމާއި، ބަދަލު މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި، އާންމުންނަށް ކުރިން އެ މަޢުލޫމާތު ޙިއްޞާކުރާނެ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.
އެމްޓީސީސީން ވަނީ ހަތަރު ލޭނަށް ތަރައްޤީކުރި ބޮޑުތަކުރުފާނު މަގު، މިއަދުގެ މިނިވަންދުވަހުގެ މުނާސަބަތާ ދިމާކޮށް ރަސްމީކޮށް ހުޅުވާފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1