ސަޢޫދީ ޢަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު އަދި ދެ ޙަރަމްފުޅުގެ ޚާދިމުގެ މުޝީރު، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އެމަނިކުފާނުގެ މި ދަތުރުފުޅަކީ ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ ރަސްމީ އިޙްތިފާލުތަކުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. އަދި މި ބައްދަލުވުންތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވަނީ ރައީސް މުޢިއްޒުގެ ދަޢުވަތަކަށް، ސަޢޫދީގެ ވަލީއަހުދު ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ދެ ޤައުމުގެ މެދުގައިވާ ދީނީ އެއްބައިވަންތަކަމާއި، އެއްބަޔަކު އަނެއްބަޔަކަށް ކުރާ އިޙްތިރާމާއި، ހިއްސާކުރާ އާންމު އުސޫލުތަކުގެ މައްޗަށް ބިނާވެފައިވާ ޒަމާންވީ އަޚުވަންތަ ގުޅުމާއި، ދޭދޭ ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ވިޔަފާރިއާއި، އިންވެސްޓްމަންޓާއި، އިޤްތިޞާދީ ތަރައްޤީއާއި، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ އެހެނިހެން ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
ހިޒް ރޯޔަލް ހައިނަސް، ޕްރިންސް ޑޮކްޓަރ މަންޞޫރު ބިން މުތްޢިބު ބިން ޢަބްދުލްޢަޒީޒް އާލް ސަޢޫދު މާލެ ވަޑައިގަތުމުން، އެމަނިކުފާނަށް ވަނީ، ރަސްމީ އިއްޒަތުގައި މަރުޙަބާ ދަންނަވާފައެވެ.
ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަހުގެ ޚާއްޞަ ހަރަކާތްތައް ކުރިއަށްދާނީ ހަމައެކަނި ޖުލައި 26 ވަނަ ދުވަހު ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. މިގޮތުން މިނިވަން ދުވަހުގެ ހެނދުނު 6:00 ގައި ޖުމްހޫރީ މައިދާނުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު އޮންނާނެއެވެ. އޭގެ ފަހުން ބާއްވާ ރަސްމީ ޖަލްސާގައި ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެރޭ 8:15 ގައި ޖުމްހޫރީ މައިދާނުގައި އެމްއެންޑީއެފްގެ އަސްކަރީ ޕެރޭޑާއި، ކެޑޭޓު ކޯގެ ޕެރޭޑުގެ އިތުރުން ސްކޫލްތަކުގެ ކުޅިވަރާއި، ސަގާފީ، ނަޝާ އަދި ބޮޑުބެރު ގްރޫޕްތަކުގެ ހުށަހެޅުންތައް ފެނިގެންދާނެއެވެ. މީގެ އިތުރުން، މިނިވަން ދުވަހާ ގުޅުވައިގެން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޖުލައި 24 އިން 31 އަށް “ސައްބީސް ކާނިވަލް” ގެ ނަމުގައި ކާނިވަލެއް ކުރިއަށްދާއިރު، ޖުލައި 27 ގައި 2000 މީހުންގެ ބައިވެރިވުމާއެކު 5 ކިލޯމީޓަރުގެ “މިނިވަން ރަން” އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1