ބޮޑުތަކުރުފާނު މަގުގެ އުތުރުފަރާތް ފުޅާކޮށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކާމިޔާބުކަމާއެކު ނިންމައި، މި ތާރީޚީ އަދި ބުރަ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ހަފުލާއެއް ބާއްވައިފިއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން އެމްޑީ ސަޢުދީ ވަނީ، ކުންފުނީގެ ހުރިހާ ޑިވިޒަނަކުން ގުޅިގެން ޓީމެއްގެ ގޮތުގައި ބަދަހިކޮށް ކުރި ބުރަ މަސައްކަތް ފާހަގަކުރައްވައި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މުވައްޒަފުންގެ ލާބަޔާއި ހެވަށްޓަކައި ގިނަ ކަންތައްތަކެއް ރާވާފައިވާކަން ހާމަކުރެއްވިއެވެ. އެމްޑީ އިތުރަށް ވިދާޅުވީ، މިހާރު އެމްޓީސީސީގެ މުވައްޒަފުން މަސައްކަތްކޮށްފައިވަނީ ކޮލިޓީ ބަލާ މިންގަނޑެއްގެ ގޮތުގައި ދެކިގެން ކަމަށާއި، ކުރިޔަށް ހުރި މަޝްރޫޢުތަކުގައިވެސް އެ ދުވެލީގައާއި އެ ކޮލިޓީގައި މަސައްކަތްކޮށްދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.