ޒުވާނުން ބާރުވެރިކުރުވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒަށްވާއިރު، އެކަމުގައި ކުރިމަތިވާ ހުރަސްތައް ނައްތާލައި، މިހާރު ކުރިއަށްދާ މަސައްކަތްތަކުން އެދެވޭ ކާމިޔާބީއެއް ހާސިލުވާނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޝާއިޢުކުރައްވާ ސިލްސިލާ ޕޮޑްކާސްޓް “ދަ ޕަލްސް”ގައި ވާހަަކަ ދައްކަވަމުން ރައީސް ވަނީ،ހަށިހެޔޮ، ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި ޒުވާނުންނަށް ކުޅިވަރުކުޅެވޭނެ ފަހި ފުރުޞަތުތައް މީގެ ކުރިން ރާއްޖެ ދެކެފައި ނުވާ މިންވަރަށް ތަރައްޤީކޮށްދެއްވުމަށް އަދުގެ ސަރުކާރުން މިހާރު ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ އަދާހަމަ،ހިއްސާކުރައްވާފައެވެ.
މިފަދަ މަޝްރޫޢުތަކަކީ ހަމައެކަނި ވެރިރަށް، މާލެއަށް ޚާއްޞަ ކަމަކަށްވުމުގެ ބަދަލުގައި، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި މިފަދަ ޚިދުމަތްތައް ގާއިމުކުރެވެމުންދާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން 2028 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރާ ހިސާބަށް ދެވޭއިރު، މިފަދަ މަޝްރޫޢުތައް ހުންނާނީ ކާމިޔާބުކަމާއެކު ނިންމާލެވިފައިކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ޖިސްމާނީ ދުޅަހެޔޮކަމެކޭ އެއްފަދައިން ނަފްސާނީ ދުޅަހެޔޮކަމަކީވެސް އިންސާނާގެ ދިރިއުޅުމުގެ އެކި ކަންކަމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމެއްކަން ބަޔާންކުރައްވަމުން، ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށްޓަކައި ހުރިހާ ދާއިރާއަކުން ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާރުވެސް ކުރިއަށްދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޤަވައިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ސަބަބުން ޒުވާނުންނަށް ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭއިރު، މިކަން ހައްލުކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތްކުރުން މުހިންމުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އަންނަ 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ ޖީޑީޕީގެ މަދުވެގެން 15 އިންސައްތަ އަކީ އުފެއްދުންތެރި އިޤްތިޞާދު ނުވަތަ ކްރިއޭޓިވް އިކޮނޮމީގެ ހިއްސާ ކަމުގައި ހެދުމަކީ ސަރުކާރުގެ ލަނޑުދަނޑިއެކެވެ. މި ބޮޑު އަމާޒަށް ވާސިލުވުމަށްޓަކައި މިހާރު ކުރިއަށްދާ މުހިންމު މަސައްކަތްތަކުގެ ތަފްސީލުތައް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ހިއްސާކުރައްވާފައެވެ.