ރާއްޖޭގެ ފަހުރުވެރި މިނިވަން ދުވަހާ ދިމާކޮށް ރައްޔިތުންނަށް ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯދައިދިނުމުގެ ގޮތުން، ބޮޑުތަކުރުފާނު މަގުގެ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި އެވެ.
މި ސަރަހައްދު ދަތުރުފަތުރަށް ހުޅުވާލި ނަމަވެސް، ބޮޑުތަކުރުފާނު މަގުގައި އަދިވެސް ބައެއް ކުދިކުދި މަސައްކަތްތައް ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް އެމްޓީސީސއިން ވަނީ ބުނެފައެވެ.
އެމްޓީސީސީން ބުނީ، މި މަސައްކަތްތައް ކުރިއަށްދާއިރު އާންމުންގެ ސަމާލުކަމަށްޓަކައި، ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯންތައް އެ ސިޑިތައް ކައިރީގައި ބެހެއްޓިފައި ހުންނާނެ ކަމަށެވެ.
ބޮޑުތަކުރުފާނު މަގުގެ މި ސަރަހައްދުގެ މަސައްކަތް ނިމުމާއެކު، އެމްޓީސީސީން ދެން އެންމެ އަވަހަށް ފަށާނީ އުތުރު ބަނދަރުން (ނޯތު ހާބަރުން) ފެށިގެން ރަސްފަންނު ބީޗާ ހަމައަށް އޮތް ސަރަހައްދު ތަރައްގީކުރުމުގެ މަސައްކަތެވެ. ބޮޑުތަކުރުފާނު މަގުގެ މި ބަޔަކީ މިހާރު ވަރަށް ބޮޑަށް ހަލާކުވެފައިވާ ސަރަހައްދަކަށް ވާއިރު، މި ސަރަހައްދު ތަރައްގީކުރުމަށް ބޭނުންވާ ޑިޒައިން ކުރުމުގެ މަސައްކަތް އެ ކުންފުނިން މިހާރު ވަނީ ފަށާފައެވެ.