61 ވަނަ މިނިވަން ދުވަހުގެ މުނާސަބާތުގައި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑިސީ) އިން ހުޅުމާލޭގައި “ސައްބީސް ކާނިވަލް”ގެ ނަމުގައި ބޮޑު ކާނިވަލެއް ބޭއްވުމަށް ނިންމައިފިއެވެ.
މި ކާނިވަލަކީ އެއް ހަފުތާގެ މުއްދަތަށް އެޗްޑީސީއިން ‘އޮފިޝަލް އިވެންޓްސް’ އާ ގުޅިގެން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާނިވަލެކެވެ.މި ކާނިވަލް ކުރިއަށް ދާނީ،މާދަމާއިން ފެށިގެން މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް، ކޮންމެ ދުވަހަކު ހަވީރު 04:00 އިން ރޭގަނޑު 11:00އަށް،ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.
އެޗްޑީސީން ބާއްވާ ކާނިވަލުގައި އާއިލީ މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށްދާނެއެވެ. މި ކާނިވަލުގައި ކާނިވަލް ގޭމްތަކާއި، ޑިޖިޓަލް ގޭމިންގް، އިންފްލޭޓަބަލްސް، ހޮރޯ ހައުސް، ލައިވް މިއުޒިކް އަދި ބޮޑުބެރު ހިމެނޭހެން ތަފާތު ހަރަކާތްތައް ކުރިއަށްދާނެކަމަށް އެޗްޑީސީއިން ވަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމު ތަކުގައި އިއުލާނުކޮށްފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި ކާނިވަލުގައި ކުޑަކުދިންނަށް ޚާއްޞަ ސަރަޙައްދެއް ހެދުމުގެ އިތުރުން، ތަފާތު ވައްތަރުގެ ކާބޯތަކެތި ލިބޭނެ ސްޓޯލްތަކާއި ކިއޮސްކުތައް ވެސް ހުންނާނެއެވެ.
މިއަހަރު ފާހަގަކުރަނީ އިނގިރޭސިންގެ އިސްތިއުމާރުން ދިވެހިރާއްޖެއަށް މިނިވަންކަން ލިބުނުތާ 61 ވަނަ އަހަރީ ދުވަހެވެ. ރާއްޖެއަށް މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. ކޮންމެ އަހަރަކުވެސް މި ދުވަސް ކުލަގަދަކޮށް ފާހަގަކުރާއިރު، ސަރުކާރުން ވަނީ މިނިވަން ދުވަހުގެ މުނާސަބަތުގައި ޖުލައި 26 އިން 28 އަށް ރަސްމީ ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައެވެ. މި ދުވަހުގެ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ސިފައިންގެ ޕެރޭޑް ހިމެނެއެވެ.