ޔަމަނުގެ އަޚުވަންތަ ރައްޔިތުން ޙިޞާރުކުރާކަމަށް ބުނެ، ހޫޘީ ހަނގުރާމަވެރިން ސައުދީ ޢަރަބިއްޔާއަށް ކުރި ތުހުމަތުތަކާއި އިލްޒާމްތައް ކުށްވެރިކޮށް، އެޤައުމުގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނަށް ދިވެހިރާއްޖޭގެ ސަރުކާރުން ފުރިހަމައަށް ތާއީދުކުރާކަން ހާމަކޮށްފިއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކުރި ގޮތުގައި، ޔަމަނުގެ ސަރުކާރާއި އދ. އާ ގުޅިގެން އެޤައުމަށްޞުލްޙަ ހޯދައިދިނުމަށާއި ރައްޔިތުންގެ ތަކުލީފުތައް ކުޑަކުރުމަށް ސައުދީން ކުރަމުންދާ ދިގު މުއްދަތުގެ މަސައްކަތްތައް ރާއްޖެއިން ބަލައިގަނެއެވެ. މީގެ އިތުރުން، އިންސާނީ އެހީތެރިކަމާއި ތަރައްޤީގެ ދާއިރާއިން ސައުދީން ޔަމަނަށް ދެމުންދާ މެދުކެނޑުމެއްނެތް އެހީތައް ވެސް ރާއްޖެއިން ފާހަގަކުރެއެވެ.
ދިވެހިރާއްޖޭގެ ޚާރިޖީ ވުޒާރާއިން އިތުރަށް ބުނީ، ދިވެހިރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ ޢަރަބިއްޔާއާއެކު ސާބިތުކަމާއެކު ކަމަށެވެ. އަދި ޔަމަނުގެ ޞުލްޙަވެރިކަމާއި، ސަލާމަތާއި، ހަމަޖެހުން ގާއިމުކުރުމަށްޓަކައި ކުރެވޭ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާކަން އެ މިނިސްޓްރީން ވަނީ އަލުން ކަށަވަރުކޮށްދީފައެވެ.
ޔަމަނުގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައަކީ 2014 ވަނަ އަހަރުން ފެށިގެން އެޤައުމުގެ ގާނޫނީ ސަރުކާރާއި ހޫޘީ ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަނގުރާމައެކެވެ.މި ހަނގުރާމައިގައި ޔަމަނުގެ ގާނޫނީ ސަރުކާރު ދިފާއުކުރުމަށްޓަކައި ސައުދީ ޢަރަބިއްޔާ އިސްވެ އޮވެ، އަރަބި ގައުމުތަކުގެ ކޯލިޝަނެއް ހަދައި 2015 ވަނަ އަހަރުން ފެށިގެން ދަނީ އަސްކަރީ ގޮތުންނާއި އިންސާނީ އެހީގެ ގޮތުން ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1