މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑުބައިކާމިޔާބު ކަމާއެކު އެމްޓީސީސީ އިން ނިންމާލައިފިއެވެ.
އެގޮތުން، މި މަޝްރޫޢުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު، މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ އެއްކޮށް ނިންމާލާފައެވެ. އަދި މަޝްރޫޢުގެ ސެގްމަންޓް 2 އާއި 3 ގެ ދުވާރުތަކާއި ޕާކިންގް ޒޯންތައް ހެދުމުގެ އޮނިގަނޑުގެ މަސައްކަތްތައް ވެސް ވަނީ އެއްކޮށް ނިންމާލާފައެވެ.
އެމްޓީސީސީ އިން ހާމަކުރިގޮތުގައި،ކޮންސްޓްރަކްޝަން މަސައްކަތްތަކަށްފަހު މަގުގެ ބާކީ ހުރި ފަހުގެ ފިނިޝިންގް މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލުމަށް ދަނީ ތައްޔާރުވަމުންނެވެ. މިހާރު ކުރިއަށްދާ ޕާކިންގް ޒޯންތަކުގައި ރޮނގުދެމުމާއި މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ. މި މަސައްކަތްތައް ނިމުމުން، މި މަޝްރޫޢު އެއްކޮށް ނިމުމަކާ ގާތްވާނެއެވެ.