ޗައިނާގެ ޝަންހާއީގައި ބޭއްވި ބައިނަލްއަޤުވާމީ ވައިގެ މުދާ އުފުލުމުގެ އެންމެ ބޮޑު އެއް މައުރަޒު ކަމަށްވާ “އެއަރ ކާގޯ ޗައިނާ 2026” ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެއްޖެއެވެ.
އެގޮތުން، މި މައުރަޒުގައި އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އޮތް ފުރުސަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރެވިފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.އެމްއޭސީއެލް އިން ހާމަކުރިގޮތުގައި، މައުރަޒުގެ ހަވާސާގައި ބައިނަލްއަޤުވާމީ އެއަރލައިންތަކާއި ލޮޖިސްޓިކްސް ދާއިރާގެ އިސްވެރިންނާއެކު އެމްއޭސީއެލް އިން ވަނީ މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ.
މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރީ އޭޝިއާގެ މާކެޓްތަކާއެކު އޮތް ގުޅުން ބަދަހިކޮށް، ރާއްޖެއަށް އަންނަ ކާގޯ ފްލައިޓްތައް އިތުރުކުރުމަށެވެ. މީގެ އިތުރުން ޔޫރަޕް، އުތުރު އެމެރިކާ އަދި ސީއައިއެސް ސަރަހައްދަށް ވީއައިއޭއިން އޮންނަ ވައިގެ ވިއުގަ ފުޅާކުރުމާ ގުޅޭގޮތުންވެސް ހިޔާލު ބަދަލުކުރެވުނު ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިހާރު ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގައި މުދާ ބަދަލުކުރުމަށް ބޭނުންކުރާ އިތުބާރު ހުރި މަރުކަޒެކެވެ. މިއީ އެއަރޕޯޓު އޮތް ޖިއޮގްރަފިކަލް މަގާމާއި، ފުޅާވަމުންދާ އެއަރލައިން ނެޓްވޯކްގެ އިތުރުން ތައާރަފްކުރެވިފައިވާ މަލްޓިމޯޑަލް ކާގޯ ޚިދުމަތްތަކުގެ ނަތީޖާއެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެއަރޕޯޓުން ވަނީ 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައެވެ. މިއީ ކުރީ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ.