ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް 6.7 ބިލިއަން ރުފިޔާ ލިބި އާމްދަނީ އިތުރުވެފައިވާއިރު، ކައުންސިލް ގްރާންޓާއި ސަބްސިޑީއަށް ކުރާ ޚަރަދުތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް މިނިސްޓްރީ އޮފް ފައިނޭންސްގެ ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ދައްކައިފިއެވެ.
މީގެއިތުރުން، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 12.1 އިންސައްތަ މައްޗަށް ގޮސް 3.0 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ޓީޖީއެސްޓީއާއި އާންމު ޖީއެސްޓީ ހިމެނޭހެން މުދަލާއި ޚިދުމަތުން ލިބުނު ޖުމްލަ ޓެކްސް އާމްދަނީ ވަނީ 9.0 އިންސައްތައިގެ ކުރިއެރުމަކާއެކު 9.7 ބިލިއަން ރުފިޔާއަށް ބޮޑުވެފައި ކަމަށް ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް ރިޕޯޓުން ހާމަވެއެވެ.
މީގެއިތުރުން،އެ ރިޕޯޓް އިން ހާމަކުރި ގޮތުގައި ދައުލަތަށް ލިބުނު ޖުމްލަ ޓެކްސް އާމްދަނީ ވަނީ ކުރީ އަހަރުގެ 16 ޖުލައިއާ ހަމައަށް ލިބުނު 15.8 ބިލިއަން ރުފިޔާއިން މިއަހަރުގެ އެ މުއްދަތުގައި 17.6 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައެވެ. މިއީ 1.8 ބިލިއަން ރުފިޔާ (11.3 އިންސައްތަ) ގެ ކުރިއެރުމެކެވެ. މިއާއެކު، ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބުނު ފައިސާ ވަނީ 9.0 އިންސައްތައިގެ ކުރިއެރުމަކާއެކު 23.0 ބިލިއަން ރުފިޔާއަށް އަރާފައެވެ. ވަކިން ހިލޭ އެހީގެ މިންވަރަށް ބަލާއިރު، ކުރީ އަހަރުގެ 190.5 މިލިއަން ރުފިޔާއާ އަޅާބަލާއިރު މިއަހަރު ވަނީ 130.3 އިންސައްތައިގެ ބޮޑު އިތުރުވުމަކާއެކު 438.8 މިލިއަން ރުފިޔާ ލިބިފައެވެ.