ދިވެހިރާއްޖެއާއި ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކް އޮފް އިތިއޯޕިއާއާއި ދެމެދު ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައި، ދެ ޤައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާ ބެހޭ ފަހުމުނާމާ އެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.
އެގޮތުން،މި އެއްބަސްވުންތަކުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަން އޮނަރަބަލް މުޙައްމަދު އަމީނެވެ. އިތިއޯޕިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް މިސްޓަރ ޔޮއާނަސް އަބޭރާ ބެލެޓޭ އެވެ.
މިނިސްޓަރ އަމީން ފާހަގަކުރެއްވި ގޮތުގައި، އިތިއޯޕިއާއަކީ އެފްރިކާ ބައްރުން ރާއްޖެއާއެކު ވައިގެ ދަތުރުފަތުރުގެ އެއްބަސްވުމެއް އެކުލަވައިލި 6 ވަނަ ޤައުމެވެ. މީގެ ކުރިން ރާއްޖެއިން މިފަދަ އެއްބަސްވުންތައް ޤާއިމުކޮށްފައިވާ އެފްރިކާގެ އެހެން ޤައުމުތަކަކީ މިޞްރު، މޮރިޝަސް، ރުވާންޑާ، ސީޝެލްސް އަދި ސައުތު އެފްރިކާއެވެ.
މިނިސްޓަރ އަމީން ވިދާޅުވި ގޮތުގައި، މި އެއްބަސްވުމާއެކު ދެ ޤައުމުގެ ދެމެދުގައި ސީދާ ޝެޑިއުލް ދަތުރުތައް ފެށުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ. މި އެއްބަސްވުން ޤާއިމުކޮށްފައިވަނީ އެފްރިކާގެ އެންމެ ބޮޑު އަދި އެންމެ ފުޅާ ވިއުގައެއް އޮތް “އިތިއޯޕިއަން އެއަރލައިންސް” އިން އެޑިސް އަބާބާ އިން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ. އިތިއޯޕިއާއަކީ އެފްރިކާ ބައްރުގައި އެންމެ ހަލުވިކަމާއެކު އިޤްތިޞާދު ކުރިއަރަމުން އަންނަ އެއް ޤައުމުކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.