ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ.ރަންދޫވިލާ، އަލްއުސްތާޛު އަމްޖަދު މުޞްޠަފާ ޢައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި،އަލްއުސްތާޛު އަމްޖަދު މުޞްޠަފާ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމުގެ ހުވައިކުރެއްވީ މިއަދު ހެނދުނު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އެކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައިލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޙަމީދެވެ. އަދި އަލްއުސްތާޛު އަމްޖަދު މުޞްޠަފާއަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އަކީ ޝަރީޢާ އެންޑް ލޯއިން ފުރަތަމަ ޑިގްރީ އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަނުން މާސްޓާސް ޑިގްރީ ޙާޞިލްކުރައްވައިގެން ހުންނެވި، ޤާނޫނީ އަދި ހިންގުމުގެ ދާއިރާގެ ބޮޑު ތަޖުރިބާކާރެކެވެ. މީގެ ކުރިން މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ކުރެއްވުމުގެ އިތުރުން، 2020 ވަނަ އަހަރުވެސް އޭނާވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމު ފުރުއްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމު ހުސްވެފައިވަނީ، ކުރިން އެ މަޤާމުގައި ހުންނެވި އިސްޙާޤު ޙުސައިން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 2024 އެޕްރީލްގައި އެ މަޤާމާ ޙަވާލުވެވަޑައިގެންނެވި އިސްޙާޤު، އަމިއްލަ ސަބަބުތަކަކަށްޓަކައި މަޤާމުން ވަކިވެވަޑައިގަންނަވަން އެދި ރައީސުލްޖުމްހޫރިއްޔާއަށް ސިޓީ ފޮނުއްވީ 2026 މެއި މަހުގެ ތެރޭގައެވެ. ނަމަވެސް އޭނާ އިސްތިއުފާ ދެއްވި ވަކި ޚާއްޞަ ސަބަބެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.