މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢުގެ ދަށުން، ތިލަފުށީގައި ބައިނަލްއަޤުވާމީ އަދި ޑޮމެސްޓިކް ކީ-ވޯލް (ބަނދަރު ތޮށި) އެޅުމުގެ ބޮޑު މަސައްކަތް ޗައިނާގެ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީއެޗްއީސީއާ) އާ ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ވަރަށް މުހިންމު މަޝްރޫޢެކެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައެވެ.
މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސީއީއޯ ކެޕްޓަން ޙުސައިން ޝަފީޤް ސޮއިކުރެއްވިއިރު، ޗައިނާގެ ސީއެޗްއީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ތިލަފުށީގައި 14.6 މީޓަރުގެ ފުންމިން ހުންނަ 375 މީޓަރުގެ ‘އިންޓަނޭޝަނަލް ކީ-ވޯލް’ އަކާއި، 5 މީޓަރުގެ ފުންމިން ހުންނަ 820 މީޓަރުގެ ‘ޑޮމެސްޓިކް ކީ-ވޯލް’ އެއް ބިނާކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ކޮންޓެއިނަރު ބޯޓުފަހަރާއި އެތެރޭގެ އުފުލާ އުޅަނދުފަހަރަށް ޚާއްސަ ބަނދަރުތޮށި ގާއިމުކުރެވޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލްއިން ހާމަކުރި ގޮތުގައި، މާލޭ ބަނދަރުގެ ތޮއްޖެހުމަށް ދާއިމީ ހައްލެއް ހޯދުމުގެ އިތުރުން މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރާއި ލޮޖިސްޓިކްސް ސިނާއަތުގެ ކުރިއެރުމާ އެއްވަރަށް ބަނދަރުގެ ވަސީލަތްތައް ފުޅާކުރުމެވެ. މީގެއިތުރުން، ބޯޓުފަހަރަށް މުދާ އެރުވުމާއި ބޭލުމުގެ މަސައްކަތްތައް އަވަސްކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1