ސައުދީ އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އެއް އަހަރު ދުވަހުގެ މުއްދަތަށް ބޭނުންކުރެވޭ، ގިނަ ފަހަރު އެތެރެވޭ އައު ‘މަލްޓިޕަލް-އެންޓްރީ’ އުމްރާ ވިސާއެއް ރަސްމީކޮށް ތައާރަފްކޮށްފިއެވެ.
އެގޮތުން، ވިސާ ދޫކުރާ ތާރީޚުން ފެށިގެން 365 ދުވަހުގެ މުއްދަތަށް ސައުދީއަށް އެތައް ފަހަރަކު އެތެރެވުމުގެ ފުރުސަތު މި ވިސާގެ ދަށުން ލިބިގެންދާނެއެވެ.ވިސާގެ އެއް އަހަރުގެ މުއްދަތުގައި ސައުދީގައި ޖުމްލަ ހުރެވޭނީ އެންމެ ގިނަވެގެން 90 ދުވަހަށެވެ. މި 90 ދުވަސް އެއްފަހަރާ ނުވަތަ އެކި ދަތުރުތަކަށް ބަހާލައިގެން ވެސް ބޭނުންކުރެވިދާނެއެވެ.
މި ބަދަލަކީ ސައުދީ ވިޜަން 2030 އާއި ‘ޕިލްގްރިމް އެކްސްޕީރިއަންސް ޕްރޮގްރާމް’ ގެ މަގްސަދުތަކާ އެއްގޮތަށް، އުމްރާވެރިން ސައުދީއަށް އައުން ފަސޭހަކޮށްދީ، އެމީހުންގެ ތަޖުރިބާ މުއްސަނދިކޮށް، ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެޅި ފިޔަވަޅެއްކަމަށް ސައުދީގެ ހައްޖު މިނިސްޓްރީއިން ބުނެއެވެ.އެމިނިސްޓްރީ އިން ހާމަކުރިގޮތުގައި،’ނުސުކް’ ޕްލެޓްފޯމް މެދުވެރިކޮށް ހުއްދަދެވިފައިވާ ފަރާތަކުން ސާވިސް މި ވިސާގެ ދަށުން ކުރާ ކޮންމެ ދަތުރެއްގައި، ނުސުކް ޕެކޭޖެއް ގެންނަންޖެހެއެވެ. އަދި މި ޕެކޭޖުގެ މުއްދަތު ވިސާގައި ބާކީ ހުރި ދުވަސްތަކަށްވުރެ އިތުރުވެގެން ނުވާނެއެވެ.
މިނިސްޓްރީ އިން މައުލޫމާތު ދޭގޮތުގައި،ކޮންމެ ފަހަރަކު ސައުދީން ފުރައިގެން ދިއުމުން މި ވިސާ އޮޓޮމެޓިކުން މެދުކެނޑޭނެއެވެ،ޖެހިގެން އަންނަ ދަތުރަށް ބޭނުންވާ ގަވާއިދުތަކާ އެއްގޮތަށް ޝަރުތުތައް ހަމަކުރުމުން ވިސާ އަލުން އެކްޓިވްވާނެ ކަމަށް ވެސް އެމިނިސްޓްރީ އިން ބުނެއެވެ.
ނަމަވެސް، ހައްޖު މޫސުމުގެ ދުވަސްވަރު، އެގޮތުން ޒުލްޤައިދާ މަހުގެ 1 އިން ފެށިގެން ޒުލްޙިއްޖާ މަހުގެ 13 ގެ ނިޔަލަށް މި ވިސާ އެކްޓިވްއެއް ނުކުރެވޭނެއެވެ.