ރާއްޖޭގެ ތިމާވެއްޓާއި ހަކަތައިގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ “ސޯލާ ޕީވީ ހައިބްރިޑް ޕަވަރ ސިސްޓަމް” ގެ ބޮޑު މަޝްރޫއެއް ރާ އަދި ބާ އަތޮޅުގެ 25 ރަށެއްގައި ރަސްމީކޮށް ފަށައިފިއެވެ.
އެންވާރަމެންޓް މިނިސްޓްރީއިން ހާމަކުރިގޮތުގައި،6.4 މެގަވޮޓްގެ ސޯލާ ހަކަތައާއި 10 މެގަވޮޓް އަވަރގެ ބެޓަރީ ސްޓޯރޭޖް ގާއިމުކުރާ މި މަޝްރޫއުން އަހަރަކު 3 މިލިއަން ލީޓަރުގެ ޑީސަލް ސަލާމަތްކުރެވޭނެއެވެ.މިނިސްޓްރީން ހާމަކުރި ގޮތުގައި މި މަޝްރޫއަކީ ރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން އިތުރުކުރުމަށާއި، ބޭރުން އެތެރެކުރާ ޑީސަލަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މީގެއިތުރުން މިއީ ތިމާވެށީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
- ރ. އަލިފުށި
- ރ. ވާދޫ
- ރ. ރަސްގެތީމު
- ރ. އަނގޮޅިތީމު
- ރ. މާކުރަތު
- ރ. ރަސްމާދޫ
- ރ. އިންނަމާދޫ
- ރ. މަޑުއްވަރީ
- ރ. އިނގުރައިދޫ
- ރ. ފައިނު
- ރ. މީދޫ
- ރ. ކިނޮޅަހް
- ރ. ހުޅުދުއްފާރު
- ބ. ކުޑަރިކިލު
- ބ. ކަމަދޫ
- ބ. ކެންދޫ
- ބ. ކިހާދޫ
- ބ. ދޮންފަނު
- ބ. ދަރަވަންދޫ
- ބ. މާޅޮސް
- ބ. އޭދަފުށި
- ބ. ތުޅާދޫ
- ބ. ހިތާދޫ
- ބ. ފުޅަދޫ
- ބ. ފެހެންދޫ
މިނިސްޓްރީން ހާމަކުރި ގޮތުގައި މިއަދު 25 ރަށެއްގައި އިފްތިތާހުކުރި ނިޒާމުތަކުގައި ޖުމްލަ 6.36 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ އަދި 10 މެގަވޮޓް އަވަރގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ހިމެނެއެވެ. މި ނިޒާމުތަކުން އަހަރަކު 10.4 ޖިގަވޮޓް އަވަރގެ ސާފު ހަކަތަ އުފެއްދޭނެއެވެ. މީގެސަބަބުން 3 މިލިއަނަށްވުރެ ގިނަ ލީޓަރުގެ ޑީސަލް ސަލާމަތް ކުރެވި، ޖައްވަށް ދޫކުރާ ކާބަންޑައިއޮކްސައިޑްގެ މިންވަރުން 8,400 މެޓްރިކް ޓަނު މަދުކުރެވޭނެއެވެ.