ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ 65 އިންސައްތައަކީ ބައިވެރިޔާއާއެކު ދަތުރުކުރާ ފަރާތްތައް ކަމަށް “މޯލްޑިވްސް ވިޒިޓަރ ސާވޭ”ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ސަވޭގެ ހިސާބުތަކަށް ބަލާއިރު، ރާއްޖެއަށް ބައިވެރިޔާއާއެކު އެންމެ ގިނައިން ޒިޔާރަތްކޮށްފައިވަނީ އިނގިރޭސިވިލާތް (77 އިންސައްތަ) އިން އައި ފަތުރުވެރިންނެވެ. އެމެރިކާއިން އައި ފަތުރުވެރިންގެ ތެރެއިން 74-75 އިންސައްތަ އާއި، ސްވިޒަލޭންޑާއި އިންޑިއާއިން އައި ފަތުރުވެރިންގެ 71 އިންސައްތަ މީހުންވެސް ރާއްޖެއަށް ދަތުރުކުރީ ބައިވެރިޔާއާއެކުގައެވެ.
މައުލޫމާތުތައް ދައްކާގޮތުން، ރާއްޖެއަށް ޗުއްޓީއަށް އަންނަ ބައިނަލްއަގްވާމީ ފަތުރުވެރިންގެ ބޮޑު ނިސްބަތެއް ޖޯޑުތަކުގެ ގޮތުގައި ޒިޔާރަތްކުރެއެވެ.
ސަވޭއިން ދައްކާގޮތުގައި ޗައިނާ، ރަޝިޔާ، އިޓަލީ، ފްރާންސް އަދި ސްޕެއިނުން އައި ފަތުރުވެރިންގެ 50 އިންސައްތައަށްވުރެ ގިނަ މީހުން ރާއްޖެ އައީ ބައިވެރިޔާއާ އެކުގައެވެ. ޖޯޑުތަކުގެ ގޮތުގައި އައި ފަތުރުވެރިންގެ ތެރެއިން 73 އިންސައްތަ މީހުން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، 19 އިންސައްތަ ފަތުރުވެރިންނަކީ އެކަނި ދަތުރުކުރި ފަތުރުވެރިންނެވެ.