އެންޓިބަޔޮޓިކް ރެސިސްޓެންސްގެ ނުރައްކަލުން ސަލާމަތްވުމަށްޓަކައި ރާއްޖޭގައި އެންޓިބަޔޮޓިކްސްގެ ހުރިހާ ރޭންޖެއް ލިބެން ހުންނަންޖެހޭ ކަމަށާއި، އެކަން ކަށަވަރުކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވާކަމަށް ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 1-2 އަހަރަށް ބޭނުންވާ ބޭސް ފޯކާސްޓްކޮށް ގަނޑުކޮށް އެތެރެކުރުމާއި، ބޭސް ހުސްވުމުގެ ކުރިން ސްޓޮކް ދެނެގަނެވޭނެ ޑިޖިޓަލް ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
ރާއްޖޭގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި ޑރ. ޝާހު މާހިރު ފާހަގަކުރެއްވި ގޮތުގައި، މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެނުރައްކާތެރި އެއް ގޮންޖެހުމަކީ އެންޓިބަޔޮޓިކަށް ބަލިމަޑުކަން ހޭނުން ނުވަތަ ބޭހަށް ނުގުޑާ މައްސަލައެވެ.
ރާއްޖޭގައި އެންޓިބަޔޮޓިކްސްގެ ހުރިހާ ބާވަތެއް ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސިއްހީ ދާއިރާގެ ފަރާތްތަކާ ގުޅިގެން ފަންނީ މަސައްކަތްތަކެއް ކުރަމުންދާކަން ޑރ. ޝާހު މާހިރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ބޭހުގެ ދަތިކަން ހައްލުކުރުމަށް ސްޓޭޓް ފާމާއިން ދުރާލައި ބޭސް ގަތުމާއި، ސްޓޮކް މަދުވުމުން ދެނެގަންނާނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް ފާމަސިއުޓިކަލްސް އަކީ ބޭހުގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ޤަރާރަކުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އުފެއްދެވި ކުންފުންޏެކެވެ.މީގެ ކުރިން އެސްޓީއޯ އިން ހިންގަމުން އައި ހުރިހާ ފާމަސީތަކާއި މުވައްޒަފުން މި ހިނގާ ޖުލައި މަހުގެ 1 އިން ފެށިގެން ވަނީ ރަސްމީކޮށް މި ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.
މި ބަދަލާއެކު ކުންފުނީގެ އަމަލީ މަސައްކަތްތައް މިހާރު ވަނީ ރަސްމީކޮށް ފަށާފައެވެ.