ރާއްޖޭގެ 42 ރަށެއްގައި ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި ދިވެހިރާއްޖެއާއި އިންޑިއާ ސަރުކާރާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް އަދި ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު އެވެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް۔ އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ރާއްޖޭގައި ހުންނަވާ ސަފީރު ޖީ. ބާލަސުބްރަމާނިއަން އެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން ބުނި ގޮތުގައި ،މި މަޝްރޫޢުގެ ދަށުން ހޮވާލެވޭ 42 ރަށެއްގައި ޒަމާނީ ފިޓްނަސް ސާމާނު ހަރުކުރެވިގެންދާނެއެވެ.މީގެ މައިގަނޑު ބޭނުމަކީ ރަށްރަށުގެ ރައްޔިތުންނަށް، ޚާއްޞަކޮށް ޒުވާނުންނާއި އަންހެނުންނަށް ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިކޮށްދިނުން ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް ފާހަގަކުރެއްވީ، ރަށްރަށުގައި މިފަދަ ސެންޓަރުތަކެއް ބިނާކުރުމަކީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ސިއްހަތަށްޓަކައި އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
މިނިސްޓަރު އިރުތިޝާމްގެ ވާހަކަފުޅުގައި، މިއީ މުޖުތަމައުގެ ހަމަހަމަކަން ގާއިމުކުރުމަށާއި، އަންހެނުން ބާރުވެރިކުރުވައި އިޖުތިމާއީ ހަރަކާތްތަކުގައި އެމީހުންގެ ބައިވެރިވުން އިތުރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެއްކަން ފާހަގަކުރެއްވިއެވެ.
ސްޕޯޓްސް މިނިސްޓަރު ޢަބްދުﷲ ރާފިއު ވިދާޅުވީ، މި ސެންޓަރުތަކަކީ ދުޅަހެޔޮ ސިއްހަތެއް ކަށަވަރުކޮށްދީ، ރަށު ފެންވަރުގައި އިޖުތިމާއީ ގުޅުންތައް އާލާކުރާނެ މުހިންމު ބިންގަލަކަށް ވާނެ ކަމަށެވެ.މީގެ ސަބަބުން ކުޅިވަރާއި މުނިފޫހިފިލުވުމުގެ ތެރެއިން ޒުވާނުންނާއި އަންހެނުން ހިމެނޭހެން، ހުރިހާ އުމުރުފުރައެއްގެ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުވުމަށް މަގުފަހިވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ދެ ވަޒީރުންވެސް ވަނީ އިންޑިއާ ސަރުކާރުން ވެދެއްވި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވައި، މިއީ ދިވެހި މުޖުތަމައުތަކުގެ ކުރިއެރުމަށް އަންނާނެ ހެޔޮ ބަދަލެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.