މި އަހަރުގެ މެއި މަހާ އަޅާބަލާއިރު، ނިމިދިޔަ ޖޫން މަހު ރާއްޖެއިން ޑެންގީ ހުން، އަރިދަފުސް ރޯގާ އަދި ބޭރަށް ހިންގުން ޖެހިގެން ރިޕޯޓްކުރި މިންވަރު ބޮޑުތަނުން ދަށްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މެއި މަހާ އަޅާބަލާއިރު ޖޫން މަހު މި ތިން ބަލި ޖެހިގެން ޑޮކްޓަރަށް ދެއްކި މީހުންގެ އަދަދު ވަނީ ނިސްބަތުން މަދުވެފައެވެ.
މީގެ އިތުރުން، އަރިދަފުސް ރޯގާއާއި ބޭރަށްހިންގުމުން ސަލާމަތްވުމަށްޓަކައި، ކެއުމުގެ ކުރިންނާއި ފާޚާނާކުރުމަށްފަހު ސައިބޯނިލައިގެން ރަނގަޅަށް އަތްދޮވުމުގެ އާދަ ހިފެހެއްޓުމަށާއި، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މީހުން އެއްވެއުޅޭ ތަންތަނަށް ނުދިއުމަށް އެޗްޕީއޭއިން ވަނީ ހަނދާންކޮށްދީފައެވެ.
މިއަހަރުގެ މިހާތަނަށް 3000 އަށް ވުރެ ގިނަ ޑެންގީ ކޭސް ފެނިފައިވާ ކަމަށް އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ.