މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް، ގދ. ގައްދޫ، ކޯޒީރައުންޑް، ފާޠިމަތު އަމީޒާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
ރައީސްއޮފީހުން މައުލޫމާތު ދިން ގޮތުގައި، މީރާގެ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަޤާމަށް ފާޠިމަތު އަމީޒާ ޢައްޔަން ކުރައްވާފައިވަނީ 16 ޖުލައި 2026 ވީ ބުރާސްފަތި ދުވަހުއެވެ.
ފާޠިމަތު އަމީޒާއަކީ މީރާގައި 16 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރައްވާފައިވާ، ތަޖުރިބާކާރު ބޭފުޅެކެވެ. މީގެކުރިން އެ އޮތޯރިޓީގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަޤާމުވެސް ފުރުއްވި އަމީޒާ ވަނީ، ޓެކްސްގެ ސިޔާސަތުތައް އިޞްލާޙުކުރުމާއި، މުއައްސަސާ ހިންގުން ހަރުދަނާކުރުމުގެ އިތުރުން އާމްދަނީ އިތުރުކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ފާޠިމަތު އަމީޒާގެ ޚިދުމަތުގެ ދިގު މުއްދަތުގައި އޭނާ ވަނީ މީރާގެ އެންފޯސްމަންޓް ޑިވިޜަންގެ އިސްވެރިއެއްގެ ހައިސިއްޔަތުން މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ޑޭޓާ އެނަލިޓިކްސް އަދި ހެކީގެ މައްޗަށް ބިނާވެފައިވާ ސިޔާސަތުތައް ބޭނުންކުރައްވައިގެން، ދައުލަތަށް ނުލިބި ހުރި ޓެކްސް އަދި ޓެކްސް ނޫން އާމްދަނީ ހޯދުމުގެ މަސައްކަތް އެންމެ މަތީ ދަރަޖައަކަށް ވަނީ ގެންގޮސްދެއްވާފައެވެ.
މީގެއިތުރުން، ތަޢުލީމީ ގޮތުން ބަލާއިރު އަމީޒާ ވަނީ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިއާއިން މާސްޓަރ އޮފް ސައިންސް އިން އެކައުންޓިންގ ހާސިލުކުރައްވާފައެވެ. އަދި އޮކްސްފޯޑް ބްރޫކްސް ޔުނިވަރސިޓީއިން ބެޗެލަރސް ޑިގްރީ އިން އެޕްލައިޑް އެކައުންޓިންގ ވެސް ހާސިލުކުރައްވާފައިވެއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1