ފާއިތުވި ހަފުތާގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިނގި ކުއްލި ނުރައްކާތަކުގެ 23 ހާދިސާއަކަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސް (އެފްއާރްއެސް) އިން އިޖާބަދީ، އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފުން މައުލޫމާތު ދީފައިވާ ގޮތުގައި، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ރިޕޯޓްކުރި ތަފާތު އެކި ކުއްލި ހާދިސާތަކުގައި ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ޓީމުތަކުން ވަނީ ހަރަކާތްތެރިވެފައެވެ.މީގެތެރޭގައި، އަލިފާނުގެ ހާދިސާތަކާއި، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގެ އިތުރުން އާންމު ދިރިއުޅުމަށް ބުރޫއަރާފަދަ ކުއްލި އެކި ކަންކަން ހިމެނެއެވެ.
މި ހުރިހާ ހާދިސާތަކެއްގައިވެސް އެފްއާރްއެސްގެ ހާއްސަ ޓީމުތަކުން ވަނީ ވަގުތުން ހާދިސާ ހިނގި ސަރަހައްދުތަކަށް ގޮސް، ހާލަތު ކޮންޓްރޯލްކޮށް އާންމުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އަދި ހާދިސާތަކުގައި އަސަރުކުރި ފަރާތްތަކަށް ބޭނުންވާ ކުއްލި އެހީތެރިކަން ފޯރުކޮށްދީފައިވާކަން އެމްއެންޑީއެފުން ފާހަގަކުރެއެވެ.
އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަކީ ރާއްޖޭގައި ހިނގާ އަލިފާނުގެ ބޮޑެތި ކާރިސާތަކާއި، ކަނޑުމަތީގެ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ އެއް މުއައްސަސާއެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1