މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތަށްއަތުވެއްޖެކަމަށް އެމްޓީސީސީއިން ހާމަކޮށްފިއެވެ.
އެގޮތުން، މަގުގައި ކޭބަލް ވަޅުލުމަށް ހަދާ ކޮންކްރީޓް ކާނު (ކޭބަލް ޓްރެންޗް) އެޅުމުގެ ހުރިހާ މަސައްކަތްތަކެއް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.މީގެ އިތުރުން، މި މަޝްރޫއުގެ ދެވަނަ ސެގްމަންޓް އަދި ތިންވަނަ ސެގްމަންޓްގައި ހިމެނޭ ޕާކިންގ ޒޯންތައް ހެދުމާއި ދުވާރުގައި ގާ އެޅުމުގެ މަސައްކަތްތައް ވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް މަޝްރޫއުގެ ތަފްސީލުތަކުން ދައްކައެވެ.
މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ސެގްމަންޓް 2 އަދި 3 އެއްގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ (ރޯޑް މާކިންގ) މަސައްކަތާއި، މަގުގައި ހުރި ޖަންކްޝަންތައް އުފުލުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ. މި ހުރިހާ މަސައްކަތްތަކެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކޮށްފައެވެ.މި ފިޔަވަހި ނިމުމާއެކު، އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް އޮތް، މަގުގެ އެންމެ ބޮޑަށް ހަލާކުވެފައިވާ ބައި ހެދުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ފަށާނެކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އިއުލާނުކުރައްވާފައެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަކީ އެ ސަރަހައްދުގެ ދަތުރުފަތުރުގެ ތޮއްޖެހުމަށް ހައްލެއް ހޯދައި، އިއްޒުއްދީން ޖެޓީން ފެށިގެން ނަސަންދުރާ ހަމައަށް ފަޅު ހިއްކައިގެން މަގު ފުޅާކުރުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1