ޕަބްލިކް-ޕްރައިވެޓް ޕާޓްނަރޝިޕް (ޕީޕީޕީ) މޮޑެލްގެ ދަށުން ރާއްޖޭގެ 13 ރަށެއްގައި 2،100 އެފޯޑަބަލް ހައުސިންގ ޔުނިޓް ޑިޒައިންކޮށް، ތަރައްގީކޮށް ހިންގާނެ ފަރާތްތަކެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރިއަށްގެންދާ “ނޭޝަނަލް އެފޯޑަބަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް” ގެ ދަށުން ހުޅުވާލާފައިވާ މި މަޝްރޫއަކީ ރަށްރަށުގެ ބޯހިޔާވަހިކަމުގެ ޑިމާންޑަށް ހައްލެއް ހޯދުމަށާއި، އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް އަގުހެޔޮ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫއެކެވެ.
ހައުސިން މިނިސްޓްރީ އިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ބުނީ، މި މަޝްރޫއު ކުރިއަށްދާނީ “ކޮންޓްރެކްޓަރ-ފައިނޭންސްޑް ބިލްޑް-އެންޑް-ސެލް” އުސޫލުން ކަމަށެވެ.އަދި މަޝްރޫއަށް ބޭނުންވާ ފައިސާ އާއި ހުރިހާ ވަސީލަތްތަކެއް ހޯދަންޖެހޭނީ ޑިވެލޮޕަރުންކަމަށް ވެސް އިއުލާނުގައި ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ސަރުކާރުން ބިންތައް ހިލޭ ފޯރުކޮށްދޭން ނިންމާފައިވާއިރު، ޑިވެލޮޕަރުންނާ ބިން ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 24 މަސްދުވަހުގެ ތެރޭގައި ހުރިހާ މަސައްކަތެއް ނިންމައި، ގެދޮރު ގަންނަ ފަރާތްތަކާ ހައުސިންގ ޔުނިޓްތައް ހަވާލުކުރަން ޖެހެއެވެ.
މި މަޝްރޫއުގެ ދަށުން ބިނާކުރާ 2،100 ހައުސިންގ ޔުނިޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ޕެކޭޖެއްގައި 50 ޔުނިޓް ހިމެނޭ ގޮތަށް ބަހާލައިގެންނެވެ. ސަރުކާރުން މި ޔުނިޓްތައް އެކި ރަށްތަކަށް ބަހާލާފައިވާ ގޮތުގެ ތަފްސީލަށް ބަލާއިރު:
- ހއ. ހޯރަފުށި (100 ޔުނިޓް)
- ރ. އުނގޫފާރު (100 ޔުނިޓް)
- ބ. ތުޅާދޫ (50 ޔުނިޓް)
- ޅ. ނައިފަރު (300 ޔުނިޓް)
- މ. މުލި (100 ޔުނިޓް)
- ދ. މީދޫ (100 ޔުނިޓް)
- ލ. ގަން (200 ޔުނިޓް)
- ގދ. ތިނަދޫ ސިޓީ (300 ޔުނިޓް)
- ޏ. ފުވައްމުލައް ސިޓީ (300 ޔުނިޓް)
- އައްޑޫ ސިޓީ ހިތަދޫ (300 ޔުނިޓް)
- އައްޑޫ ސިޓީ ފޭދޫ (200 ޔުނިޓް)
- އައްޑޫ ސިޓީ، މަރަދޫ (25 ޔުނިޓް)
- އައްޑޫ ސިޓީ، މަރަދޫފޭދޫ (25 ޔުނިޓް)
މި މަޝްރޫއުގެ ދަށުން ބިނާކުރާ ކޮންމެ ހައުސިންގ ޔުނިޓެއްގައި ތިން ކޮޓަރި ހުންނަންޖެހޭއިރު، އިމާރާތްތަކުގެ ގްރައުންޑް ފްލޯ އާއި ފުރަތަމަ ފަންގިފިލާ ޚާއްސަކުރަންޖެހެނީ ވިޔަފާރިތަކަށާއި ސައިކަލް ޕާކުކުރާނެ ޖާގައަށެވެ. މީގެއިތުރުން، މުޅި މަޝްރޫއުގެ މަދުވެގެން 60 އިންސައްތަ ޔުނިޓަކީ 900 އަކަފޫޓުގެ، އަދި 1.5 މިލިއަން ރުފިޔާއަށްވުރެ އަގުބޮޑުނޫން އަގުހެޔޮ (އެފޯޑަބަލް) ޔުނިޓްތަކަކަށް ވާންޖެހެއެވެ. އަދި ބާކީ ހިމެނޭ 40 އިންސައްތަ ޔުނިޓް މާކެޓް ރޭޓުގައި ބޭނުން އަގަކަށް ވިއްކުމުގެ އިޚްތިޔާރު ޑިވެލޮޕަރުންނަށް ސަރުކާރުން ވަނީ ދީފައެވެ.
ޑިވެލޮޕަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ސަރުކާރުން ވަނީ މަޝްރޫއުގެ މެޓީރިއަލްސްއިން ޑިއުޓީ އަދި ފްލެޓްތަކުން ޖީއެސްޓީ މާފުކޮށްދޭން ނިންމާފައެވެ. ހަމައެއާއެކު، އާންމުން ހައުސިންގ ޔުނިޓްތަކަށް ދައްކާ ފައިސާ ރައްކާތެރިކުރުމަށްޓަކައި އެސްކްރޯ އެކައުންޓެއް ބޭނުންކުރުން ސަރުކާރުން ވަނީ މަޖުބޫރުކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1