ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި 1،000 އެފޯޑަބަލް ހައުސިންގ ޔުނިޓު (ފްލެޓް) ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް ސަތޭކަ އިންސައްތަ ދިވެހިން ހިއްސާވާ 5 ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
މަޝްރޫޢު ހަވާލުކުރެވުނު ކުންފުނިތައް:
މި މަޝްރޫޢުގެ ދަށުން ފްލެޓްތައް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ ކޮންސްޓްރަކްޝަން ދާއިރާގައި ފާހަގަކޮށްލެވޭ ރާއްޖޭގެ ތަޖުރިބާކާރު ކުންފުނިތަކާއެވެ. އޭގެ ތެރޭގައި ހިމެނެނީ:
1. އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
2. ޖޭވީ ޕާޓްނާޝިޕް – ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
3. އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
4. ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
5. ޖޭވީ ޕާޓްނާޝިޕް – ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް، ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް
މިނިސްޓްރީއިން ބުނީ، މި މަޝްރޫޢުގެ ދަށުން ޢިމާރާތްކުރެވޭ ފްލެޓްތައް ވިއްކަން ޖެހޭނީ ސަރުކާރުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ “އާއިލީ ބޯހިޔާވަހިކަން” ޕްރޮގްރާމަށް ފޯމު ހުށަހަޅައި ޝަރުޠު ހަމަވާ ފަރާތްތަކަށް ކަމަށެވެ.
މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުގެ “ބޯހިޔާވަހިކަން އެންމެންނަށް” ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ ފުރަތަމަ ބޮޑު މަޝްރޫޢެވެ. ސަރުކާރުގެ އަމާޒަކީ އުމުރުން 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1