ޗައިނާގެ ހިލޭ އެހީގައި މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ ބޮޑު މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ނުވަތަ މި އަހަރު ފަހުކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، “ދަ ޕަލްސް” ޕޮޑްކާސްޓް ސިލްސިލާގެ 4 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މިފަދަ ބޮޑު މަޝްރޫއެއް މީގެކުރިން ހިންގީ ރައީސް މައުމޫނުގެ ދައުރުގައި ކަމަށާއި، އޭގެ ފަހުން މަގުތައްބެލެހެއްޓުމުގައި އިހުމާލުވެފައިވާ ކަމަށެވެ.
މީގެއިތުރުން، ރައީސް ވިދާޅުވީ ޗައިނާގެ އެހީގައި މާލޭގެ މަގުތައް ހަދާއިރު، ފެންހިންދާ ނިޒާމާއި، ޑީވޯޓަރިންގެ އިތުރުން އަލިފާން ނިއްވުމަށް ބޭނުންކުރާ ފަޔަރ ހައިޑްރަންޓް ނިޒާމުވެސް ގާއިމުކުރާނެ ކަމަށެވެ.
ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، ޗައިނާ މަޝްރޫއުގައި ނުހިމެނޭ ބޮޑުތަކުރުފާނު މަގުގެ އިއްޒުއްދީން ފާލަމުން ނަސަންދުރާއާ ހަމައަށް ހަދާ ބައި އަންނަ ހަފުތާގައި ހުޅުވާނެ ކަމަށެވެ. މި ސަރަހައްދުގައި 500 ސައިކަލުގެ ޕާކިންއެއް ހުންނައިރު، މީގެ ސަބަބުން މާލޭގެ އެތެރޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ލުޔެއް ލިބޭނެއެވެ.
ބޮޑުތަކުރުފާނު މަގުގެ އެންމެ ބޮޑަށް ހަލާކުވެފައިވާ އެމްޕީއެލްއިން ރަސްފަންނާ ހަމައަށް އޮތް ސަރަހައްދު ހަދަން ފަށާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، މި މަސައްކަތް ނިމުމުން މާލޭގެ ބާޒާރުމައްޗަށާއި، ވިޔަފާރި ސަރަހައްދަށް ދުއްވާ އެންމެންނަށްބޮޑު ލުޔެއް ލިބޭނެއެވެ.
މާލޭ ސަރަހައްދަށް އަމާޒުކޮށްގެން ބޯހިޔާވަހިކަމާއި މަގުހެދުމުގެ ބިޔަ މަޝްރޫއުތައް މިހާރުވެސް ބާރަށް ކުރިއަށްދަނީ، ރައްޔިތުންނަށްމިވަގުތުން މިވަގުތަށް ބޭނުންވާ ފަސޭހަތައް ހޯދައިދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
މާލޭގެ މަގުތައް ހަލާކުވެ، ފެންބޮޑުވުމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ރައްޔިތުން ތަހައްމަލު ކުރަމުން އައިސްފައިވާ ބޮޑު ތަކުލީފެކެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ކަންތަކެވެ.
އެގޮތުން ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، މާލޭގެ މަގުތަކުގެ ހާލަތު ބަދަލުކޮށް، ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށްޓަކައި ބޮޑުތަކުރުފާނު މަގުގެ އެކި ސަރަހައްދުތައް ހިމެނޭހެން މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އަންނަނީ ހުއްޓުމެއްނެތި ބާރުދުވެލީގައި ކުރިއަށް ގެންދަމުންނެވެ.