މާލޭ ނޯތު ހާބަރުން ޚިދުމަތް ހޯދާ ފަރާތްތަކަށް އަވަސް އަދި ލުއިފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސައިދިނުމަށްޓަކައި، އެތަނުގެ ކިއު މެނޭޖްކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނައުމަށް ނިންމައިފިއެވެ.
މި ބަދަލުތަކަކީ އުޅަނދުފަހަރުތަކަށް ވީހާވެސް ފަސޭހަ އަދި އަވަސް ނިޒާމެއްގެ ތެރެއިން ޚިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިކުރުމުގެ ގޮތުން ގެނެވޭ ބަދަލުތުތަކެއް ކަމަށް އެމްޕީއެލް އިން ވަނީ ބުނެފައެވެ.
އެމްޕީއެލް އިން އުސޫލަށް ގެނައި ބަދަލާއެކު، އުޅަނދުފަހަރު ކިއުއިން ކެންސަލް ނުވާގޮތަށް ފަސް ދުވަހުގެ މުއްދަތަށް “ހޯލްޑް”ކުރުމުގެ ފުރުސަތު އުވާލައިފިއެވެ. ނަމަވެސް، ކުރިންވެސް އަމަލުކުރަމުންދާ އުސޫލާ އެއްގޮތަށް “ޕޯސްޓްޕޯން ” ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
އެމްޕީއެލް އިން ހާމަކުރި ގޮތުގައި، އަލަށް ގެނައި އިސްލާހުތަކުގެ ތެރޭގައި އެއް އުޅަނދަކަށް އެއްފަހަރާ އެއް ކިއުއަށް ވުރެ ގިނަ ކިއުތަކުގައި ނޯޓުކުރުމަށް އޮންނަ ފުރުސަތު މުޅިން އުވައިލުން ހިމެނެއެވެ.