ދިރާސީ އައު އަހަރުގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިންމާލުމަށްފަހު، ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ޗުއްޓީ ވެއްޖެއެވެ.
އެގޮތުން، ފުރަތަމަ ޓާމުގެ ނަތީޖާ ފާހަގަކޮށް، މިއަދު ވަނީ ހުރިހާ ސްކޫލްތަކެއްގެ ދަރިވަރުންނަށް ރިޕޯޓްފޮތް ޙަވާލުކޮށްފައެވެ.ޓާމު ޗުއްޓީގެ ގޮތުގައި ދަރިވަރުންނަށް 16 ދުވަސް ލިބޭއިރު، ދެވަނަ ޓާމުގެ ކިޔެވުން އަލުން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ 2 ވަނަ ދުވަހުއެވެ.
މިއަހަރުގެ ދިރާސީ ކަލަންޑަރު ބަދަލުކުރުމަށްފަހު، މިއީ ބޮޑު ޗުއްޓީއަށްފަހު އައި އައު ދިރާސީ އަހަރުގެ ފުރަތަމަ ޓާމު ނިމުނު ފުރަތަމަ ފަހަރެވެ. ސަރުކާރުން ދިރާސީ އަހަރުގެ ކިޔެވުން ކުރީގެ ގޮތަށް ޖެނުއަރީ މަހަށް ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މިހާރު ކުރިއަށްދާ ޓާމްތަކުގެ މުއްދަތުތަކަށް ވަނީ ބައެއް ބަދަލުތައް ގެނެސްފައެވެ.
އެގޮތުން މިފަހަރުގެ ޓާމު ބަންދުގެ މުއްދަތަކީ ދަރިވަރުންނަށް އާއިލާއާއެކު ވަގުތު ހޭދަކުރުމަށާއި، ދެވަނަ ޓާމުގެ ކިޔެވުމަށް ތައްޔާރުވުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.
ދިރާސީ އަހަރުގެ ދެވަނަ ޓާމުގެ ކިޔެވުން ޑިސެންބަރު 17 ގައި ނިމުމާއެކު، 30 ދުވަހުގެ ދިގު މުއްދަތަކަށް ދެމިގެންދާ ބޮޑު ޗުއްޓީ ޑިސެންބަރު 18 އިން ފެށިގެން އަންނަ އަހަރުގެ ޖަނަވަރީ 16 ގެ ނިޔަލަށް ދަރިވަރުންނަށް ލިބޭނެއެވެ.
ނިމިދިޔަ ސަރުކާރުން ދިރާސީ ކަލަންޑަރަށް ގެނައި ބަދަލުތަކުގެ ސަބަބުން ބެލެނިވެރިންނަށާއި ސްކޫލްތަކަށް ދިމާވި މާލީ އަދި އިދާރީ ދަތިތަކަށް މިހާރުގެ ސަރުކާރުން ވަނީ ދާއިމީ ހައްލެއް ހޯދައިދީފައެވެ. ކުރީގެ ސަރުކާރުން އަހަރުގެ މެދުތެރެއަށް ބޮޑު ޗުއްޓީ ބަދަލުކުރުމުން، ފަތުރުވެރިކަމުގެ ހައި-ސީޒަނާ ދިމާވެ، އާއިލާތަކަށް ޗުއްޓީ ހޭދަކުރުމަށާއި ދަތުރުފަތުރު ކުރުމަށް ބޮޑެތި ޚަރަދުތަކެއް ހިނގައި، ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ.
ނަމަވެސް، ރައްޔިތުންގެ އިހުސާސްތައް ދަނެގެން މި ސަރުކާރުން އިސްނަގައިގެން ދިރާސީ އަހަރު ކުރީގެ ގޮތަށް ޖަނަވަރީ މަހަށް ބަދަލުކުރުމަށް ފެށި ހަރުދަނާ މަސައްކަތަކީ ތައުލީމީ ދާއިރާ ހަމަމަގަށް އެޅުވުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1