އާސަންދަ ކުންފުނިން ރާއްޖޭގެ 8 އަތޮޅެއްގައި އާ ސަރވިސް ކައުންޓަރުތަކެއް ރަސްމީކޮށް ހުޅުވައި، ޚިދުމަތް ދޭން ފަށައިފިއެވެ.
އާސަންދަ ކޮމްޕެނީ ލިމިޓްޑް އިން ހާމަކުރި ގޮތުގައި،މި ލާމަރުކަޒީ މަސައްކަތުގެ ދަށުން އަލަށް ކައުންޓަރުތައް ގާއިމުކޮށްފައިވަނީ ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ގަން، ގދ. ތިނަދޫ، އަދި ޏ. ފުވައްމުލައް ސިޓީގައެވެ.
އާސަންދަ ކުންފުނިން ހާމަކުރި ގޮތުގައި، މި ކައުންޓަރުތަކުން ބޭސްފަރުވާގެ އެހީއަށް އެދި ފޯމު ހުށަހެޅުމާއި، ސްކީމާ ގުޅޭ އެކި މައުލޫމާތު ސާފުކުރުމުގެ އިތުރުން އިދާރީ އެހެނިހެން އެހީތެރިކަން ރައްޔިތުންނަށް ސީދާ ލިބިގެންދާނެއެވެ.
މި ބަދަލާއެކު، އާސަންދައިގެ ޚިދުމަތްތައް ހޯދުމުގައި އަތޮޅުތެރޭގެ ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
މީގެ އިތުރުން، މާލޭގެ ބޮޑެތި ހޮސްޕިޓަލްތަކުގައި ގާއިމުކޮށްފައިވާ “ވީރާ” ކައުންޓަރުތަކުންވެސް އާސަންދައާއި އެންސްޕާގެ ޚިދުމަތްތައް މެދުނުކެނޑި ލިބެމުންދާނެކަމަށް އެކުންފުނިން ބުނެެއެވެ.
ކުރިން އޮންލައިންކޮށް ނުވަތަ މާލެ ގޮސްގެން ނޫނީ ނުލިބޭ އާސަންދައިގެ އިދާރީ ޚިދުމަތްތައް، އަލަށް އިތުރުކުރި 8 ސަރަހައްދީ ކައުންޓަރާއެކު މިހާރު ރާއްޖޭގެ ގިނަ އަތޮޅުތަކަކަށް ވަނީ ފުޅާކޮށްފައެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1