މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
މި ޖަލްސާގައި އިނާމު ލިބިވަޑައިގަންނަވަނީ، ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން މިހާތަނަށް މި އިނާމު އެރުވިފައިނުވާ ބޭފުޅުންނަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ. އެ ބޭފުޅުންގެ ރެކޯޑުތައް ރައީސް އޮފީހުން ހޯދުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، ކޮމިޓީން ވަނީ އެ ބޭފުޅުންގެ މަޢުލޫމާތު ދިރާސާކޮށް އެ ބޭފުޅުންނާ ބައްދަލުކުރައްވާފައެވެ. މި އިނާމު އެރުވެނީ އޭގެ ތެރެއިން ޝަރުޠު ފުރިހަމަވި ބޭފުޅުންނަށެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ އިތުރުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމުވެސް އެރުވުން އޮންނާނެ ކަމަށް ރައީސް އޮފީހުން ބުނެއެވެ.
ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން 2021 އިން ފެށީގެން ރައީސުލްޖުމްހޫރިއްޔާ ދެއްވަމުން އަންނަ އިނާމެކެވެ.މި އިނާމު ދެއްވަނީ ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރުގެ ކުންފުންޏެއްގައި، އިޚްލާޞްތެރިކަމާއެކު ރާއްޖޭގެ ތަރައްޤީއަށް މަސައްކަތް ކޮށްދެއްވާފައިވާ ބޭފުޅުންނަށެވެ. މީގެ ކުރީ އަހަރުތަކުގައިވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައާއި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ގިނަ އަދަދެއްގެ ބޭފުޅުންނަށް މި އިނާމު އަރުވާފައިވެއެވެ.