މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިމިއްޖެއެވެ.
އެމްޓީސީސީ އިން ބުނީ،މި މަޝްރޫއުގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން، މަގުގެ ސަބް-ބޭސް އަދި އެގްރިގޭޓް ބޭސް ކޯސް އެޅުމުގެ މަސައްކަތް މިހާރު ވަނީ 100 އިންސައްތަ ނިމިފައިކަމަށެވެ.
މީގެ އިތުރުން، މަޝްރޫއުގެ ސެގްމެންޓް 4 އަދި 5 ގެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ. އަދި މަގު ބޭނުންކުރާ ފަރާތްތަކަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ހަދާ އާ ޕާކިންގް ޒޯނުގެ މަސައްކަތްތައްވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީއިން ވަނީ މައުލޫމާތުދީފައެވެ.
އެމްޓީސީސީއިން ހާމަކުރިގޮތުގައި،މިހާރު އެންމެ ހަލުވިކަމާއެކު ކުރިއަށްދަނީ ސެގްމެންޓް 2 އަދި 3 ގެ ދުވާރުގައި ގާ އެޅުމުގެ މަސައްކަތްތަކާއި، ކޭބަލް އެޅުމަށް ބޭނުންވާ ކޮނުމުގެމަސައްކަތްތަކެވެ. މި މަޝްރޫއު އެއްކޮށް ނިމުމުން މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރަށާއި ޓްރެފިކް ފްލޯއަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.އާ ޕާކިންގް ޒޯންތަކާއެކު މި ސަރަހައްދު ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް އަމާން އަދި ފަސޭހަ މާހައުލަކަށް ވެގެންދާނެއެވެ.
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން 144.5 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މަޝްރޫއެކެވެ.
މިޚަބަރާއިމެދު ދެކެނީ ކިހިނެއް؟
+1
+1
+1
+1
+1