ބިންވެރިޔާ ސްކީމްގެ ދަށުން ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތީގެ ބިން ހަވާލުކުރިކަމުގެ ލިޔުން “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ޑިޖިޓަލްކޮށް ލިބޭނެ އިންތިޒާމު ހައުސިންގް މިނިސްޓްރީން ހަމަޖައްސައިފިއެވެ.
ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކުގެ ރަޖިސްޓްރީއާއި އެއްބަސްވުންތައް މިހާރު އޮންލައިންކޮށް ހޯދޭނެ ގޮތް ހަމަޖައްސައި، ކުރިން ބޭއްވި ފަދަ ޚާއްސަ ކޭމްޕްތައް ނިމުމަކަށް ގެނެސްފައިވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެއެވެ. މިދިޔަ އަހަރު ހުޅުވާލި ފުރުސަތުގެ ދަށުން “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް އެޕޮއިންޓްމަންޓް ނުހަދާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއިކުރުމުގެ ފުރުސަތު ނޯންނާނެ ކަމަށް ވެސް ކުރިން ހާމަކޮށްފައިވެއެވެ.
ހަ މަސްދުވަހުގެ މެދުކެނޑުމަކަށްފަހު، ގުޅިފަޅުން ގޯތި ލިބުނު ފަރާތްތަކަށް “ހިޔާވެހި ޕޯޓަލް” މެދުވެރިކޮށް ޑިޖިޓަލްކޮށް ގޯތީގެ ރަޖިސްޓްރީ ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށް ހައުސިންގް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ. މި ބަދަލާއެކު ގޯތި ލިބުނު ފަރާތްތަކަށް ޑިޖިޓަލްކޮށް ރަޖިސްޓްރީ ޑައުންލޯޑް ކުރެވޭނެކަމަށް ހައުސިން މިނިސްޓްރީއިން ބުނެއެވެ.
ރަޖިސްޓްރީ ހޯދުމަށް ފުރިހަމަކުރަންޖެހޭ މަރުހަލާތައް:
- ޕޯޓަލްއަށް ލޮގިންވުން: އީފާސް މެދުވެރިކޮށް ހިޔާވެހި ޕޯޓަލްއަށް ލޮގިންވުން.
- ބައި ހޯދުން: މައި މެނޫއިން ނުވަތަ ސަފުހާގެ އެންމެ މައްޗަށް ގޮސް “Plot Handover” ބަޓަނަށް ފިއްތާލުން.
- ލިޔުން ޑައުންލޯޑްކުރުން: ގޯތީގެ ތަފްސީލު ބެލުމަށްފަހު “Plot Handover Document” ބަޓަނަށް ފިއްތައި ލިޔުން ސޭވްކުރުން.
- ލޮކޭޝަން ކަށަވަރުކުރުން: ވެބްޕޭޖުގައިވާ QR ކޯޑު ސްކޭންކޮށްގެން ނުވަތަ ލިންކަށް ފިއްތާލައިގެން މެޕުން ގޯތީގެ ލޮކޭޝަން ބެލުން
ހައުސިންގް މިނިސްޓްރީން ބުނީ، ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލުތަކާ އެއްގޮތަށް ރަޖިސްޓަރީ ހަދާފައިވާ ފަރާތްތަކަށް މިހާރު ޕޯޓަލްއިން ލިޔުން ޑައުންލޯޑް ކުރެވޭނެ ކަމަށެވެ. ނަމަވެސް، މިހާރު އަމަލީ މަސައްކަތް ހިނގަމުންދާ ސަރަހައްދުތަކުން ގޯތި ލިބުނު ފަރާތްތަކަށް ލިޔުން ލިބޭނީ އެ މަސައްކަތްތައް އެއްކޮށް ނިމުމުންނެވެ.